ދިވެހި ރައްޔިތަކުން ބޭރު ގައުމެއްގެ ރައްޔިތަކަށް ވުމަށް ފަހު، ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިޔަސް، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް 10 އަހަރު ދުވަހުގެ އިންތިޒާރެއް ކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ހޯމަ ދުވަހު އެ އިސްލާހު ހުށަހަޅުއްވާފައިވާއިރު ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.
ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ އަދަދު 100،000ރ. އަށް އިތުރު ކުރުމަށެވެ. މިހާރު އިދާރީ ފީއެއްގެ ގޮތުގައި ނަގަމުން ދަނީ 40،000ރ. އެވެ.
މި އިސްލާހުތަކަށް އަމަލު ކުރަން ހުށަހަޅާފައި ވަނީ މި އިސްލާހުތައް މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގުކުރައްވާ، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޯމަތި ވެފައިވަނިކޮށް ސަރުކާރުން މި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ހުށަހަޅާފައިވާ ބައެއް އިސްލާހުތައް ގާނޫނުއަސާސީއާ ތައާރުޒުވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.