ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު އެއްވެސް ވަރަކަށް ކަމުނުދާ ދެ ކެނޑިޑޭޓަކު ކުރިމަތިލާފައިވާ ނަމަ އެއިން އެއްވެސް ކެނޑިޑޭޓަކީ ކަމުދާ ކެނޑިޑޭޓެއް ނޫން ކަމަށް ބުނުމުގެ ފުރުސަތު ދޭން ކެރިދާނެތޯ މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައި އެމަސައްކަތް މަޖިލީހުގައި ހޯމަދުވަހު ކުރުމަށް ހަމަޖެހިފައިވަނިކޮށް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި، އެއްވެސް ވަރަކަށް ކަމުނުދާ ދެ ކެނޑިޑޭޓަކު ކުރިމަތިލިއަސް އެއިން އެކަކަށް ވޯޓުދޭން މަޖްބޫރު ކުރުމުގެ ބަދަލުގައި އެއިން އެއްވެސް ކެނޑިޑޭޓަކު ކަމުނުދާ ކަމަށް ބުނުމުގެ ފުރުސަތު ދިނުމުގެ ހިތްވަރު ސިޔާސީ ޕާޓީތަކަށް އޮންނާނެތޯ ވަނީ ސުވާލު ކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ގާނޫނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ އެއިސްލާހް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކެވެ.
އެ ބިލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާއަށް ހުށަހަޅާ އިސްލާހެކެވެ. އެ މާއްދާއަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ހިމެނޭ ފަރާތަކަށް ވާންވާނެ ކަމަށެވެ.