ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި، ޓެރަރިޒަމްގެ ދައުވާ ސާބިތުވެފައިވާ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ގޭބަންދަށް ބަދަލުކޮށްފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލަކު ރާއްޖޭއެމްވީއަށް ވިދާޅުވީ ތޮލްހަތު އިބްރާހީމް ކަލޭފާނު ހުންނެވީ ގޭ ބަންދުގައި ކަމަށެވެ. އޮފިޝަލް ވިދާޅުވީ ތޮލްހަތު ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން ކަމަށާއި ގޭ ބަންދަށް ބަދަލުކުރީ އޭނާ ހުންނެވި ގޮޅި މަރާމާތު ކުރުމަށް ކަމަށެވެ.
ދެ އަހަރުވީއިރު ވެސް ތޮލްހަތު ހުންނެވި ގޮޅި މަރާމާތުކޮށް ނުނިމޭތޯ ސުވާލު ކުރުމުން ކަރެކްޝަންގެ އޮފިޝަލް ވިދާޅުވީ އެ ގޮޅި މަރާމާތުކޮށް ނުނިމޭ ކަމަށެވެ.
ތޮލްހަތު ގޭބަންދަށް ބަދަލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު އެގޮޅީގައި ތޮލްހަތާއެކު ހުންނެވި އަދާލަތު ޕާޓީގެ ޝެއިހު އިމްރާން އަބްދުﷲ ވެސް ގޭ ބަންދަށް ބަދަލު ކުރެއްވި އެވެ. ނަމަވެސް ފަހުން ޝެއިހް އިމްރާން ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން ޝެއިހް އިމްރާން ގޭބަންދަށް ބަދަލުކޮށްފައި ވެއެވެ.
ޝެއިހް އިމްރާން އެންމެފަހުން ގޭބަންދަށް ބަދަލު ކޮށްފައި ވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި އޭގެ އެއްމަސް ފަހުން ޝެއިހް އިމްރާން ޖަލަށް ބަދަލުކުރި ގޮތަށް ހުންނެވީ ޖަލުގަ އެވެ.
އެނގިފައިވާ ގޮތުގައި ކަރެކްޝަނުން ވަނީ މުހިއްމު ބޭނުންތަކަށް ތޮލްހަތު ގެއިން ބޭރަށް ވަޑައިގެންނެވޭގޮތަށް ހުއްދަދީފަ އެވެ. އެނގިފައިވާ ގޮތުގައި ތޮލްހަތު ދިރިއުޅުއްވަނީ ހުޅުމާލޭގަ އެވެ. ނަމަވެސް ބައެއް ފަހަރު މާލެއަށް ވެސް ވަޑައިގަންނަވާ ކަމަށް ވެއެވެ.
ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް އެ ހުކުމް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމުގެ ދައުވާ ސާބިތުވުމުންނެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމުން، ހައިކޯޓުންވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެ ހުކުމަށް ތާއީދު ވެސް ކޮށްފައެވެ.