ދިވެހިން ޒަމާނުންސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ވާދަވެރި ހަރަކާތްތަކެއް ހިމަނައިގެން އެމްއެންޑީއެފުން މިހާރު ކުރިއަށް ގެންދާ "ހެސަ ވާދަ 2018" މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުޝަތު ހުޅުވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި މުބާރާތުގައި ސަރުކާރު އޮފީސް، ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުޝަތު ހުޅުވާލާފައިވާ ކަމަށެވެ. މި މުބާރާތަކުގައި ބައިވެރިވާ ޓީމުތައް ރަޖިސްޓްރީކުރުން މިރެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުރޭގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ރަޖިސްޓްރީކުރުން ކުރިއަށްދާނީ ކޮންމެ ރެއެއްގެ 20:30 އިން 22:30 އާ ދެމެދު މުބާރާތް ކުރިއަށްދާ ސިނާއީ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ހިމެނޭނީ އުމުރުން 18 އަހަރުވެފައިވާ ފިރިހެނުން ކަމަށާއި، ކޮންމެ ޓީމެއްގައި ރިޒާވަރުންނާއެކު 8 ބައިވެރިން ހިމަނަންޖެހޭ ކަމަށެވެ. އަދި މިހަރަކާތުގައި އެއްފަހަރާ ވާދަކުރެވޭނީ 5 ބައިވެރިންނަށް ކަމަށެވެ.
މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުން ހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން ފުރިހަމަކުރަން ޖެހޭ ހަރަކާތްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.