އދ. ދަނގެތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ދަނގެއްޗަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 21 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެކެވެ. ދަނގެއްޗަށް އައި ލޯންޗަކުން ގެނައި ކޮތަޅަކާއި ހަވާލުވި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ އަތުގައި އޮތް ކޮތަޅު ބަލައި ފާސް ކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 11 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ވަނީ 10 ދުވަސް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާދީފައެވެ.
މި މައްސަލަ އދ. ދަނގެތި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.