ޒަކާތު ފަންޑުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހޯމަ ދުވަހު ރާއްޖެއިން ބޭރަށް ފުރުމަށް ހަމަޖެހިފައިވާ ފަސް ކުދިންނާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާދީއްތަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
އެ ކުދިންނާ ބައްދަލުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް މިފަދަ ފުރުސަތުތައް ތެލެސީމިއާ ކުދިންނަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި އެއްވެސް ކަމެއް ދިމާވެއްޖެނަމަ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅުއްވާ އެކަންކަން ހައްލުކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އެ ކުދިންނާ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ވަނީ ކުދިންގެ ހާލަތު އައްސަވާ އެކުދިންގެ ކަންކަން ރާއްޖެއިން ބޭރުގައި ހަމަޖެހިފައިހުރިތޯ ބައްލަވާފަ އެވެ.
ހޯމަ ދުވަހު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާ ފަސް ކުދިންނަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޒަކާތު ފަންޑުން ޓްރާންސްޕްލާންޓް ހެދުމަށް ލިޔުން ހަވާލުކޮށްފައިވާ 32 ކުދިންގެ ތެރެއިން ސިއްހީ ހާލަތު ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ ފަސް ކުދިންނެވެ. އެ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުންނެވެ.
އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޑރ. އަހުމަދު އުމަރު ވިދާޅުވެފައިވަނީ ފަސް ކުދިން މިހާރު ފޮނުވާލިޔަސް ކުރިޔަށް އޮތް ތަނުގައި ކުދިން ފިޓްވާވަރަކުން ހޮސްޕިޓަލުގައި ޖާގަ އޮތް މިންވަރަށް ބަލާ ކުދިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.