ވޯލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑުގައި ބައިވެރިވި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން 46 ރަން މެޑަލް ހޯދައިފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެ ސްކޫލްގެ އަލީ ރަޝްވާން މުހައްމަދު ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މެލޭޝިޔާގައި ބޭއްވި ގްލޯބަލް ރައުންޑުގައި އެސްކޫލްގެ ދަރިވަރުންނަށް 46 ރަން މެޑަލް ގެ އިތުރުން 50 ރިހި މެޑަލް އަދި ހަތަރު ޓްރޮފީ ލިބިފައިވާ ކަމަށެވެ.
ޖޫނިއަރ ބައިގައި 1،800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން އެ ސްކޫލަށް ސައުތު އޭޝިއާ އިން ހަތަރު ވަނަ ލިބިފައިވާ ކަމަށާއި މުޅި ކެޓަގަރީން 24 ވަނަ އަށް ގޮސްފައިވާ ކަމަށް ޣިޔާސުންދީން އިންޓްނޭޝަލް ސްކޫލުން މައުލޫމާތު ދެއެވެ. ޖޫނިއަރ ބައިގެ ބަހުސް ކުރުމުގެ ބައިން ޣިޔާސުއްދީން ސްކޫލުގެ ޝައިނާ މުހައްމަދު ޝައިނީ އަށް 16 ވަނަ ވަނީ ލިބިފައެވެ.
ޣިޔާސުއްދީން ސްކޫލްގެ އިތުރުން ރާއްޖޭގެ އެހެން ސްކޫލްތަކުންވެސް އެމުބާރާތުގައި ރަނގަޅު ވަނަތަކެއް ހޯދިއެވެ.
ޣިޔާސުއްދީންގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް، އަދި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން މި މުބާރާތުގައި ބައިވެރިވިއެވެ.
މި މުބާރާތުގައި ދުނިޔޭގެ 36 ޤައުމަކުން 3500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އަދި ފައިނަލް ބުރު އޮންނާނީ އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައެވެ.