ރިޔާސީ އިންތިހާބުގެ ވޯޓަކީ ކޯޓެއްގެ ހުކުމަކުން ނިންމާނެ ވޯޓަކަށް ވެގެންނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ކ. މާފުށީގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަކީ ރައްޔިތުން ބޭނުންވާ ގޮތަށް ނިމޭނެ ވޯޓަކަށް ވާންޖެހޭ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ވޯޓަކީ، ކޯޓެއްގެ ހުކުމަކުން ނިންމަންވާނެ ވޯޓަކަށް ވެގެންނުވާނެ. މި ވޯޓަކީ ރައްޔިތުން އެނދޭ ގޮތަށް ރައްޔިތުން ފާހަގަލައިގެން ރައްޔިތުން ބޭނުންވާ މީހަކު ދައްކާ ވޯޓަކަށް ވާންޖެހޭނެ. މި ވޯޓު ނަގަން ޖެހޭ ސަބަބުން، ވޯޓު ނޫން އެހެން ގޮތަކަށް އެކަން ކޮށްގެން މާފުއްޓަކީ މި ދެންނެވި ފަދަ ކުށްވެރިން ހިމާޔަތް ކުރަން އޮންނަ ރަށަކަށް ވެގެން ނުވާނެ. މި ވޯޓަކީ ރައްޔިތުން ހިތުން ރުހުމުން ރައްޔިތުންގެ ތަރައްގީ އާއި އިންތިޒާރުތަކާއި އުންމީދުތަކަށް ނިމުމެއް ގެނެސްދޭ އެވަރުގެ ގާބިލިއްޔަތާއި އެވަރުގެ ކެރުންތެރިކަމެއް މާޒީގައި ދައްކާފައިވާ މީހަކަށް އާއެކޭ ބުނުމަށް ދޭ ވޯޓަކަށް ވާންޖެހޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޮޑެތި ކުށްތައް ކުރުމަކީ މި ގައުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. ރާއްޖެއަކީ އެއް ނަސްލެއްގެ، އެއް ދީނެއްގެ މަތިވެރި ހިދާޔަތުގައި ތިބި ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދީން މަނާ ކުރާ ކަމެއް މީހުންގެ ހައްގުތަކަށް އަރައިގަތުން. ހަމައެކަނި މެރުމެއްވެސް ނޫން. މީހުންގެ ހައްގުތަކަށް އަރައިގަތުމަކީވެސް އަޅުގަނޑުމެންގެ ދީން މަނާކުރާ ކަމެއް. އެކަމަކު ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަޅުގަނޑުމެންގެ ވިސްނުމަށް ނޫނީ އަޅުގަނޑުމެންގެ ކެރުންތަކަށް ކޮންމެވެސް ބަޔަކު މަގުދައްކައިދީގެން ވިޔާނުދާ ކަންތައްތަކެއް ކުރާތީ، އެކަންކަމާ މިއަދުވެސް ވިސްނަން ޖެހެނީ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބޮޑެތި ކުށްތައް ކުރާކަމުގައިވާނަމަ އަދަބު ދެވޭނެ ކަމަށާއި އެއީ އެފަދަ ކުށްތަކުން މުޅި މުޖުތަމައު ސަލާމަތް ކުރުމަށް ކުރާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، މިގައުމުގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާތީ ވަރަށް ގިނަ ފަރާތްތަކުން ރާއްޖޭގެ ދަރަނީގެ ވާހަކަ ދައްކަވަމުންދާ ކަމަށެވެ. ނަމަވެސް ދަރަނި ނަގަނީ ދަރަނި އަދާކުރުމުގެ ގާބިލް ކަމާ އެކުގައި ކަމަށާއި އެކަމަށް ފާޑުވިދާޅުވާ އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދައްކަމުންދަނީ ދަރަނި ދައްކާނެ ގޮތް އެފަދަ ފަރާތްތަކަށް ނުވިސްނޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތަކަކީ ކަރުދާހުން ފެންނާނެ އެއްޗެއް ނޫން ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް އަމަލީ ސިފަ ފެންނާނީ ވެރިއަކަށް ހުންނަ މީހާގެ ސިކުނޑިން ކުރާ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފޮތްތައް މޭޒުތައް ފުރޭ ވަރަށް ޗާޕު ކުރެވިދާނެ ކަމަށާއި ނަމަވެސް އެ ފޮތްތަކާ އެއްގޮތަށް މަސައްކަތް ކުރެވިފައިވާ މަންޒަރު ނުފެންނަ ކަމަށެވެ. އެގޮތުން މާލެ ކައިރީ ރަށްތަކަށް ވެސް ބޭނުންވާ ތަރައްގީގެ ކަންކަން ކުރެވިފައި ނުވާ ކަމަށެވެ.