ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޓްރިބިއުން" އަށް ދެއްވި އިންޓަވިއުއަކީ ދޮގު މައުލޫމާތު ހިމެނޭ އިންޓަވިއުއެއްކަމަށާއި އެކަން ހަރު އަޑުން ކުށްވެރިކުރާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެެވެ.
ހޯމް މިނިސްޓްރީން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނަސީމް ދެއްކެވި ވާހަކަ ފުޅަކީ ހަގީގަތާއި ޚިލާފަށް ދެއްކެވި ވާހަކަފުޅެއް ކަމަށާއި، އެއީ ރާއްޖެ ބަދުނާމު ކުރުމަށް ދެއްކި ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ.
ހޮނިހިރު ދުވަހު އަހުމަދު ނަށީމް ޓްރިބިއުން ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާއި ގުޅުން ބަދަހިކުރަން ބޭނުން ނުވާކަމަށެވެ. އަދި ޗައިނާއާއި ގުޅުން ބަދަހިކޮށް ރާއްޖޭގެ ބިންތައް ޗައިނާއިން ފޭރިގަންނަން ފުރުސަތު ދީފައިވާކަމަށެވެ.
"ދެގައުމުގެ ސަލާމަތާއި މަސްލަހަތަށް ބުރޫ އަރާފާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ވާނީ އެއްބަސްވެފައި، އިންޑިއާ ކަނޑުގެ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ. ރާއްޖޭގެ ޑިމޮކްރެސީ އިޔާދަ ކުރުމުގައި އިންޑިއާގެ ދައުރު މުހިއްމު" ނަސީމް ޓްރިބިއުންއަށް ދެއްވި އިންޓަވިއުގައި ވެއެވެ.
މި ވާހަކަ ތަކަށް ރައްދުދީ ހޯމް މިނިސްޓްރީން ބުނީ، ރާއްޖޭގެ ހަމަޖެހުމަށާއި، ރައްޔިތުންނަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނޭކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ކިބައިން އަވަށްޓެރި ގައުމަކަށް ނުރައްކާވެދާފަދަ އެއްވެސްކަމެއް ސަރުކާރުން ނުކުރާނޭކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަނީ، ރާއްޖެއަކީ ދުނިޔޭގައިވާ އެންމެ ރީތި އަދި އެންމެ އަމާން ގައުމު ގެ ގޮތުގައި ބޭއްވުމަށްކަމަށެވެ.