ވިލާތުގެ އިއްތިޙާދުން ރާއްޖެއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އެންމެ ފަހުގެ އިންޒާރު ދީފައިވަނިކޮށް އެއިއްތިޙާދުގެ ވިސްނުން ބަދަލުކުރެވޭތޯ ސަރުކާރުން ވަޒީރުން ފޮނުވަން ނިންމާފައިވާކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަދި ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓް ނަސީމް ވިދާޅުވީ އީޔޫއަށް 'ދޮގު ހަދަން' ފޮނުވަނީ ރައީސް އޮފީހުގެ މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރާއި، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް ކަމަށެވެ. ޝައިނީ އަކީ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލައިގެން ހިންގި ކެމްޕޭން ފެއިލްވާން ފެށުމުންވެސް ސަރުކާރުން ނިއުޔޯކަށް ފޮނުވި ވަޒީރެވެ. އެހެންނަމަވެސް ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ގެއްލުނީ ލަދުވެތި ނަތީޖާއަކުންނެވެ.
EU aai badhdhal koh dhogu thah hadhan fonuvanee Azima ,Shainee adhi ithuru flavor akah FM Asim kamah vanee. https://t.co/xPwPScuSof
— Ahmed Naseem (@KerafaNaseem) June 21, 2018
ނަސީމް މިހެން ވިދާޅުވެފައި މިވަނީ މިހަފްތާގައި ވިލާތުގެ އިއްތިޙާދާއި، އެއިއްތިޙާދުގެ ކައުންސިލްގެ މުހިއްމު ބައްދަލުވުންތަކެއް މިހަފްތާގައި ބްރަސަލްގައި ބޭއްވުމަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
ވިލާތުގެ އިއްތިޙާދުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އެންމެ ފަހުގެ އިންޒާރު ދީފައިވަނިކޮށް ސަރުކާރުން އީޔޫގައި ލޮބީކުރުމަށް މަސައްކަތްކުރަމުން ދާއިރު، މީގެ ކުރިން އެއިއްތިޙާދުގެ ގޮވާލުންތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. އަދި ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ އޮފީހުގެ އިސް ބައެއް ބޭފުޅުންނާއި އަދި ކޮޅުނބުގައި ތިއްބަވާ އެ އިއްތިޙާދުގެ ބައެއް ސަފީރުން ރާއްޖެ ވަޑައިގެން، ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރުމަށް އެދުނު ނަމަވެސް، ބައްދަލުކުރައްވާފައެއް ނުވެއެވެ. އަދި ރާއްޖޭގެ މައްސަލައިގައި މީގެ ކުރިން އީޔޫއިން ނެރެމުންދިޔަ ބަޔާންތަކަށާއި، ޔޫރަޕިއަން ޕާލަމެންޓުން ނިންމަމުން ދިޔަ ނިންމުންތަކަށް ދިވެހި ސަރުކާރުން ދިޔައީ ގޮން ޖަހަމުންނެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލައިގެން އުޅުނު ދުވަސްވަރު ރާއްޖެއިން އިރުމަތީ ޔޫރަޕްގެ ބައެއް ޤައުމުތަކާއި ގުޅުން ބަދަހިކުރެވޭތޯ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް އެމަސައްކަތް ނާކާމިޔާބުވެފައިވާއިރު، ސަރުކާރުން އީޔޫއަށް ލޮބީކުރަން ފޮނުވަން ނިންމީ މީގެ ކުރިން އީޔޫގެ ތެރެއިން ސަރުކާރަށް ކިރިޔާވެސް އެއްބާރުލުން ދިން ޤައުމުތަކުގެ ސަރުކާރުތައް ދާދިފަހުން ބަދަލުވެފައިވާތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ނިމިދިޔަ ހަފްތާ ބަންދުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއަށް ވަޑައިގެން، އީޔޫގެ އިސްވެރިންގެ އިތުރުން ބެލްޖިއަމްގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރާއްޖޭގެ މައްސަލައިގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި އަންނަ މަހު ކުރީކޮޅު އެމެރިކާއާއި އިންޑިއާގެ ޚާރިޖީ ވަޒީރުންނާއި ދިފާޢި ވަޒީރުން ވޮޝިންޓަނުގައި ބާއްވާ '2+2' މަޝްވަރާތަކުގައިވެސް ރާއްޖެއާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ވަނީ ބެލެވިފައެވެ. މިހާރުވެސް ރަސްމީކޮށް އިއުލާން ނުކުރިނަމަވެސް އިންޑިއާއިން ވަނީ ދިވެހި ސަރުކާރާއި ދެކޮޅަށް ނުސީދާކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.