ފަލަސްތީނު ރައްޔިތުން ހަމަނުޖެހުން ހިންގައި، ލޭ އޮހޮރުވައިގެން އެ ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކ. ތުލުސްދޫ ބަނދަރު ހުޅުވުމަށް ފަހު، އާދީއްތަ ދުވަހުގެ ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އިދިކޮޅު ލީޑަރުން ރާއްޖޭގެ ރައްޔިތުންނަށް ފިލާވަޅު ނަންގަވަނީ "ހަމަނުޖެހުމެއްގެ ތެރެއިން ހަމަޖެހުމެއް" ހޯދުމުގެ ފިލާވަޅު ކަމަށެވެ.
އެކަމަކީ ވާނެ ކަމެއް ނޫން ކަމަށް އިޝާރާތްކޮށް ރައީސް ޔާމީން ވިދާޅުވީ ހަމަނުޖެހުމުން އުފައްދާނީ ހަމަނުޖެހުން ކަމަށާއި ހަނގުރާމަތަކުން އުފައްދާނީ އިތުރު ހަނގުރާމަ ކަމަށެވެ. ލޭ އޮހޮރުވުމުގެ ތެރެއިން ހަމަޖެހުން ލިބޭނަމަ ފަލަސްތީނަށް މިހާރު ހަމަޖެހުން ލިބިއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ލޭ އޮހޮރުވުމުން ތަންދޭނީ އިތުރު ލޭ އޮހޮރުވުމަށް. ލޭ އޮހޮރުވުމުގެ ތެރެެއިން އިތުރު ހަމަަނުޖެހުމެއް ނާންނާނެ. ލޭ އޮހޮރުވުމުގެ ތެރެއިން ހަމަޖެހުން އަންނަންޏާ ފަލަސްތީނަށް މިހާރު އޮންނާނީ ހަމަޖެހުން އައިސްފަ. އެތަނުގެ ފިދާއިން ކުރާ މަސައްކަތް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ކުރާ މަސައްކަތް ދުނިޔޭގެ ޓެލެވިޒަން ސްޓެޝަންތަކުން އެ ފެންނަނީ. އަމާންކަން ނަގާލައިގެން އެ ކުރާ މަސައްކަތުގައި ހަމަޖެހުމެއް އަމާން ކަމެއް ނާންނާނެ. ތަންތަން ގޮއްވައިގެން މީހުން މަރައިގެން މި ކުރެވޭ މަސައްކަތުގައި ހަމަޖެހުމެއް ނާންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވައިގެން، ކަންކަން ކޮށްދޭ ހިސާބަށް ސަރުކާރުގެ ވިސްނުން ގޮސްގެން ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުން އިސްވެ އެނގެންޖެހޭނެ ކަމަށެވެ. އެގޮތުން މުޒާހަރާ ކުރުމަކީ ކޮންގެން ވާނެ ކަމެއް ނޫން ކަމަށް އިޝާރާތްކޮށް، ރެއާދުވާލު އެފަދަ ކަންކަން ނުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"ރައްޔިތުންގެ އަޑު އިއްވައިގެން ސަރުކާރުން ކަންކަންކޮށްދޭ ހިސާބަކަށް ސަރުކާރުގެ ވިސްނުން ގޮސްގެން ނުވާނެ. ސަރުކާރަކަށް އިސްވެ އެނގެންޖެހޭނެ، ރައްޔިތުން ބޭނުންވާ ކަންކަން. އެހެންވީމަ ރައްޔިތުން ނުޖެހޭ އެކަންކަމުގައި ރައްޔިތުން އަބަދު މުޒާހަރާ ކުރާކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން ހަމަނުޖެހުން ހިންގައިގެން އެ ގައުމަށް ހަމަނުޖެހުމެއް ނުލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އިސްރާއީލުން ވެރިވެގަނެގެން ތިބި ބިންތަކަކީ ފަލަސްތީން ރައްޔިތުންގެ އަތުން ފޭރިގެންފައިވާ ބިންތަކެކެވެ. އެގޮތުން މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ގުދުސް، 1967 އަހަރުގެ ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ވަނީ ހިފާފައެވެ.