ދެހާސްފަނަރަ ވަނަ އަހަރު ހަދަން ހަވާލު ކުރި ތުލުސްދޫ ބަނދަރު، ދެ އަހަރު ފަހުން ނިންމައި، ރިޔާސީ އިންތިހާބާ ދިމާކޮށް އާދީއްތަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.
ތުލުސްދޫ ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސް އަބްދުﷲ ޔާމިން ކ. އަތޮޅުގެ ތިން ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އާދީއްތަ ދުވަހު ލުތުސްދޫއަށް ވަޑައިގެން، އެ ރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ތުލުސްދޫ ބަނދަރަކީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަދަން ހަވާލު ކުރި ބަނދަރެކެވެ. އެ ބަނދަރުގެ އަމަލީ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
ރައީސް އޮފީހުން ބުނީ އެ ބަނދަރަކީ 800 ފޫޓު ދިގު، އަދި 300 ފޫޓު ފުޅާ ބަނދަރެއް ކަމަށެވެ.
މާލެ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން އާދީއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑާއިގަންނަވާނެއެވެ. އަދި ގުރައިދޫ ބަނދަރު ހުޅުއްވައި ދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވާނެއެވެ.