ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާތާ 7 އަހަރު ފަހުން ޑރ މުހައްމަދު މުއިއްޒުއަށް، ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ ހާލު އެނގުނުކަމަށް ވިދާޅުވުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ސިނަމާލެ، މާލެ ހިޔާ ފްލެޓްތަކުގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރުމުން އެނގިގެންދަނީ މާލެ ސިޓީ ކައުންސިލުން އިހުމާލު ވެފައިވާ އިންތިހާ ދަރަޖަ ކަމަށް މުއިއްޒު ވިދާޅުވުމާއި ގުޅިގެން ރައްދު ދެއްވަމުންނެވެ.
ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިނަމާލެ، މާލެ ހިޔާ ފްލެޓްތަކުގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރުމުން އެނގިގެންދަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކަށް ސިޓީ ކައުންސިލްއިން އިހުމާލު ވެފައިވާ އިންތިހާ ދަރަޖަ ކަމަށެވެ. އަދި ރައްޔިތުންނަށް އެހާ އިހާނެތިކޮށް އެމްޑީޕީގެ ބާރުދަށުގައި އޮތް ކައުންސިލްއިން ކަންތައް ކުރަނީ ކީއްވެބާއޭ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
Sinamale,Male Hiyaa flat thakuge rayyithun arihah ziyaarai kurumun engigen dhanee MaleCityCouncil ge belumuge dhashugaivaa e flat thakah CityCouncil in ihmaal vefaivaa inthihaa dharaja. Rayyithunnah ehaa ihaanethikoh MDPge baarhdhashugai oi Council in kanthah kuranee keevvebaa?
— Dr.Mohamed Muizzu (@MMuizzu) June 23, 2018
އެޓްވީޓަށް ރައްދު ދެއްވައި މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހައުސިންގ މިނިސްޓަރ ކަމުގައި 2012 ވަނަ އަހަރުން ފެށިގެން ހުންނެވި މުއިއްޒުއަށް 7 އަހަރު ފަހުން ސިނަމާލެ، މާލެ ހިޔާގައި ދިރިއުޅޭ ރައްޔިތުން ގާތަށްގޮސް، އެމީހުންގެ ހުރި ދަތިތައް މިއަދު ސާފުވިކަމަށް ވިދާޅުވުމަކީ ލަދުވެތި އަދި މަގާމުގެ ޒިންމާ އަދާކުރުމުގައި ފެއިލް ވެފައިވާކަމުގެ ސާފު ހެކި ކަމަށެވެ.
Housing Minister kamuga 2012 vana aharun feshigen hunnevi @muiz ah, 7 aharufahun Sinamale’ / Male’hiya ga dhiriulhey rayyithun gaathahgos,emeehunge huri dhathithah miadhu saafuvi kamah vidhaalhuvumakee ladhuvethi adhi magaamuge zimmaa adhaakurumugai fail vefaivaakamuge saafu heki https://t.co/5bNRNKAF59
— ????? ??????? (@AhmedMahloof) June 23, 2018
މީގެ އިތުރުން މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ހުރިހާ ކައުންސިލްތަކެއްގެ ބާރު ނަގައި، އެބާރުތައް ހޯމް މިނިސްޓްރީގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ކައުންސިލްތައް ނިކަމެތިކޮށް، އޮބި އަޅުވާލީ ރައީސް ޔާމިންގެ ސަރުކާރުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަނެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގާފައިވާކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ އެންމެ ޒަމާންވެ ބާވެފައިވާ މާލެހިޔާ ސިނަމާލެ ފްލެޓްތައް އެކަނި މިނިސްޓްރީގެ ބެލުމުގެ ދަށަށް ނުގެންދިއުމުން މިނިސްޓަރު މުއިއްޒުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ޝަމާއު ވިދާޅުވީ ކައުންސިލުން ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. މިކޮމެޓީން ކޮންމެ ހަފްތާއެކު އެއްފަހަރު އެތަނަށް ގޮސް، ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ބަލަމުންދާ ކަމަށް އޭނަ ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ މާލެހިޔާ ސިނަމާލެ ފްލެޓްތަކުގެ ހާލަތު ބަޔާންކޮށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ސިޓީ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އެންމެ ސިޓީއެއްގެ ޖަވާބު ވެސް ލިބިފައި ނުވާ ކަމަށެވެ.
ޝަމާއު ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތްތައް ކުރުމަށް ފިނޭންސް މިނިސްޓްރީން ބަޖެޓްދީފައި ނުވާ ކަމަށާއި، ބަޖެޓް ހޯދުމަށް ކުރި މަސައްކަތަށް މިސަރުކާރުން އިޖާބަދީފައި ނުވާ ކަމަށެވެ.