ނައިބު ރައީސް ޢަބްދުﷲ ޖިހާދު ކުރިން ދިރިއުޅުއްވި މ ވެސްޓް ވިއުގޭ ކުރިމަތީ ކާނު ތެރެއިން އެއްޗެއްގޮވާ ދުން އަރާތީ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
މ ފުލޫނިޔާ މަގުގައި ހުންނަ ވެސްޓް ވިއު ގޭ ދޮރުމަތީ ކާނުތެރެއިން ދުންއަރާކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިގެން އެސަރަހައްދަށް ދިޔައިރު ފުލުހުން ވަނީ އެމަގު ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. އޭރު އެސަރަހައްދުގައި ފަޔަރ ލޮރީއަކާއެކު ސިފައިން ހަރަކާތްތެރިވެއެވެ.
މަންޒަރުދުށް މީހަކު ރާއްޖެ އެމްވީއަށް ބުނީ ކާނުތެރެއިން ހޮނިހިރު ދުވަހުގެރޭ 10:30 ހާއިރުން ފެށިގެން އަޑެއް ގޮވަމުން ދިޔަ ކަމަށާއި އަޑު އިވުނީ އެއްޗެއް ގޮވާފަދަ ގޮތަކަށް ކަމަށެވެ.
ރާއްޖެ އެމްވީއަށް ލިބިފައިވާ ވީޑިއޯއަކުން ކާނުތެރެއިން ބާރު އަޑަކާއެކު ހުޅު ރޯވާ މަންޒަރެއް ފެނެއެވެ.
އެސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ ފަރާތުން އެނގުނުގޮތުގައި އެއަޑަކީ ކާނުތެރޭގައިވާ ކަރަންޓް ކޭބަލެއްގެ ދާފަށާ ކަނޑައިގެން ދިއުމުގެ ސަބަބުން ފެން އެޅިގެން ގޮވި އަޑެއް ކަމަށެވެ. އަދި ރާއްޖެ އެމްވީގެ ނޫސްވެރިން އެސަރަހައްދަށް ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިފައިންވަނީ އެކަން ހައްލު ކުރުމަށް ސްޓެލްކޯގެ ބޭފުޅުންނާ ހަވާލު ކުރުމަށްފަހު އެސަރަހައްދުން އެނބުރި ގޮސްފައެވެ. ސްޓެލްކޯގެ ބޭފުޅުން ވަނީ އެސަރަހައްދުން ކަރަންޓް ކަނޑާލުމަށްފަހު އެކަން ހައްލުކޮށްފައެވެ.
އެސަރަހައްދުން ވާހަކަދެއްކި ޢާއްމުންގެ މީހަކު ބުނީ އެސަރަހައްދުގައި މަސައްކަތްކުރި ބަޔަކު ހޮނިހިރު ދުވަހު ވަނީ ކާނުތެރެ ސާފުކޮށްފައި ކަމަށެވެ. ކަރަންޓް ކޭބަލްގެ ދާފަށް ކަނޑައިގެން ދިޔައީ އެހެންވެގެން ކަމަށް ބެލެވޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މ ވެސްޓް ވިއު އަކީ ނައިބު ރައީސް ޖިހާދުގެ އަނބިކަނބަލުންގެ ގެއެވެ. ނަމަވެސް ނައިބު ރައީސް ޖިހާދުއާއި ޢާއިލާ މިވަގުތު ދިރިއުޅުއްވަނީ ރެހެންދި ފްލެޓްގައެވެ.