ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސް ނިންމާލައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިޔަށް ގެންދިޔަ މި ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވިއިރު ކޮންގްރެސް ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ. ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކޮންގްރެސް ފެށުމުގެ ކުރިން ވަނީ ބައެއް ނުރަސްމީ ބައްދަލުވުންތައް ކުރިޔަށް ގެންގޮސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
ހަމައެހެންމެ ކޮންގްރެސްގައި ވަނީ އެޕާޓީގެ އައު ދިދަ އާއި ލޯގޯ ފާސްކޮށްފައެވެ. ޖުމްހޫރީ ޕާޓީން ބުނީ އެ ލޯގޯ އާއި ދިދައަކީ އިލެކްޝަންސް ކޮމިޝަނުން ފާސްކޮށް، ބޭނުންކުރުމުގެ ހުއްދަދީފައިވާ ލޯގޯއެއް ކަމަށެވެ.
ކޮންގްރެސްގައި ނިންމި އެންމެ މުހިންމު ނިންމުމަކީ ޕްރައިމަރީއަކުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ނިންމި ނިންމުންކަން ފާހަގަކޮށްލެވެއެވެ. އަސާސީ ގަވާއިދަށް ކޮންގްރެސްގައި ގެނައި މި ބަދަލާއެކު ރިޔާސީ ޓިކެޓު ލިބޭނީ ޕާޓީގެ އެތެރޭގެ ބާއްވާ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަށެވެ. ޕްރައިމަރީ ބާއްވަން އަސާސީ ގަވައިދުގައި ކަނޑައެޅިނަމަވެސް އެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ ހަމައެކަނި ޕާޓީ ކައުންސިލް މެމްބަރުންނަށެވެ. އާންމު މެމްބަރުންނަށް ވޯޓުލުމުގެ ހައްޤެއް ނުލިބޭނެ އެވެ.
ހަމައެހެންމެ އަލަށް އިންތިހާބު ކުރެވުނު ޕާޓީގެ ރައީސްގެ ބާރުތައް ހަނިކޮށް ޕާޓީގެ ނައިބު ލީޑަރަށް ބާރުތައް ލިބިދޭ ގޮތަށް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ. މި އިސްލާހުގައި ވާގޮތުން ޕާޓީގެ ލީޑަރު ނެތް ހާލަތެއްގައި ބާރު ލިބެނީ ޕާޓީގެ ނައިބު ލީޑަރުންގެ ތެރެއިން އިންތިހާބްކުރާ މީހަކަށެވެ. އެ މީހަކު އިންތިހާބްކުރަންޖެހޭނީ ޕާޓީގެ ކައުންސިލުންނެވެ.
މީގެއިތުރުން ވަނީ އެޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިހާބު ނުކުރެވޭ ގޮތަށް ގަރާރެއް ފާސްކޮށްފައެވެ. ފާސްކުރި ޤަރާރުގައިވާގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރެވޭނީ ވަކި ހަލާތްތަކެއް މެދުވެރިވުމުން އެކަނި އެވެ. އެއީ ޤާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ހުކުމާއިމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމުން ނުވަތަ ޤާސިމްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މުއްދަތު ހަމަވުން އެވެ. އޭގެއިތުރުން ދެން ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އިންތިހާބުކުރެވޭނީ ޤާސިމްގެ އަމިއްލަ އެދިވަޑައިގަތުމަކަށެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ބަލާއިރު ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ ދާދިފަހުން އެޕާޓީއާ ގުޅިވަޑައިގަތް އަލީ ވަހީދުއެވެ. ހަމައެހެންމެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ޑރ. އަބްދުﷲ މައުސޫމްއެވެ.
އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަޤާމަށް ފަސް ބޭފުޅުން ކުރިމަތިލެއްވިއިރު، އިންތިހާބު ކާމިޔާބުކުރެއްވީ ޑރ. ހުސެއިން ރަޝީދާއި، އަމީން އިބްރާހިމާއި، އަބްދުﷲ އަމީންގެ އިތުރުން މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. އެ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި އަބްދުﷲ ކަމާލުއްދީންއެވެ.
އޭގެއިތުރުން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާގެ މަޤާމަށް ވަލީދާ ވަލީދު އިންތިހާބުކޮށްފައިވާއިރު، ޒުވާނުންގެ ލީގުގެ ރައީސްކަމުގެ މަޤާމަށް އިންތިހާބްކޮށްފައިވަނީ އައްސަދު ރިޒާ އެވެ. ހަމައެހެންމެ އެޕާޓީގެ ކައުންސިލަށް ވެސް ވަނީ 15 މެމްބަރަކު އިންތިހާބުކޮށްފައެވެ.
ޕާޓީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ޕާޓީގެ އިސް މަގާމުތަކަށް އިންތިހާބުވެވަޑައިގަތް ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ.