އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ 'ޖަޒީރާ ކެމްޕޭން' ފެށުމުގެ ގޮތުން ހއ. އިހަވަންދޫގައި އެރަށުގެ ޒުވާނުން އިސް ނަގައިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ސައިކަލު ބުރަކާ އެކު އެމްޑީޕީގެ ޖަޒީރާ ރާއްޖެ ކެމްޕޭން އިހަވަންދޫގައި ފެށިއިރު، މިހަރަކާތުގައި އެމްޑީޕީއަށް ނިސްބަތްވާ އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަމަށް އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ކައުންސިލްގެ ރައީސް އަދި އެމްޑީޕީ އިހަވަންދޫ ދާއިރާގެ ވެސް ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. މިހަރަކާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އެހަރަކާތަށް ތައްޔާރުވުމަށް ޒުވާނުން ތިބި އިހަވަންދޫ ޔޫތު ހަޓް ހިމެނޭ ސަރަހައްދުން ފެނަކަ ކޯޕަރޭޝަނުން ކަރަންޓު ކަނޑާލިކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އަދި މިއަދުގެ ހަރަކާތަށް ތައްޔާރުވީ ޒުވާނުން އެހެން ސަރަހައްދަކުން ކޭބަލް އަޅައިގެން ކަރަންޓް ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ހުކުރު ދުވަހު ބޭއްވި ޖަޒީރާ ދުވުމުގެ ހަރަކާތަށް ފުލުހުން ހުރަސް އެޅި ނަމަވެސް، އިހަވަންދޫގައި ބޭއްވި ހަރަކާތަށް ފުލުހުން ހުރަސް އަޅާފައެއް ނުވެއެވެ. އަދި ހަރަކާތުގެ ކުރިން ފުލުހުންނަށް އެހަރަކާތް އޮންނަން އަންގާފައިވާކަމަށް އެރަށު ޒުވާނުން ބުންޏެވެ.
އޭނާ ވިދާޅުވީ ޖަޒީރާ ރާއްޖެ ކެމްޕޭން ހަރަކާތްތައް ޒުވާނުން އިސްވެތިވެ، ކުރިއަށް އޮތްތަނުގައިވެސް އިތުރަށް އެރަށުގައި ކުރިއަށްދާނެކަމަށެވެ. އަދި ބައެއް ހަރަކާތްތައް މިހާރުވެސް ރޭވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ ރައީސް ޔާމީނާއި ދެކޮޅަށް އިހަވަންދޫގެ 81 އިންސައްތަ ރައްޔިތުން ތިބިކަން މުޖައްރިބުކަމަށެވެ.

އިހަވަންދޫ ޒުވާނުން އިސްނަގައިގެން ބޭއްވި މިހަރަކާތުގައި ކައުންސިލްގެ ރައީސް އިސްކޮށް އުޅުއްވިއިރު، އޭނާ ހުންނެވީ މިހާރުވެސް ސަސްޕެންޝަނެއްގައެވެ. ރައީސް ނަޝީދާއި އެމްޑީޕީއިން ވަނީ ނުހައްޤުން ސަސްޕެންޑްކުރެވޭ ކައުންސިލަރުންނަށް އެމީހުންގެ ސަސްޕެންޝަން މުއްދަތުގެ މުސާރަ އެމްޑީޕީ ސަރުކާރެއްގައި ހޯދައިދޭނެކަމަށް ވައުދުވެ، އެ ކައުންސިލަރުން ކެމްޕޭނަށް ނިކުތުމަށް ގޮވާލާފައެވެ.
ހަވީރު 4:30ގައި އިހަވަންދޫ ޒުވާނުން ފެށި 'ޖަޒީރާ ރާއްޖެ' ކެމްޕޭން ފެށުމުގެ ހަރަކާތްތައް ނިންމާލީ 6:00ގައެވެ.