މާލެ ސިޓީ ކައުންސިލަށް މާލެހިޔާ ސިނަމާލެ ފްލެޓްތައް ދީފައި ވަނީ މޮހަނަށް އޮޑި ދީފައި އޮންނަ އުސޫލުން ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަމާއު މިހެން ވިދާޅުވީ މިފްލެޓްތަކާ ބޭހޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ހައުސިން މިނިސްޓަރު މުއިއްޒު ކުރެއްވި މިޓްވީޓުގައި ވިދާޅުވެފައި ވަނީ މާލެ ހިޔާއާ ސިނަމާލެ ފްލެޓްތަކުގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރުމުން އެނގިގެން ދަނީ މާލެ ސިޓީ ކައުންސިލުން މިފްލެޓްތަކާ މެދު އިހްމާލު ވެފައިވާ މިންވަރު ކަމަށެވެ. ރައްޔިތުންނަށް އިހާނެތިކޮށް އެމްޑީޕީގެ ބާރުގެ ދަށުގައި އޮތް ކައުންސިލުން ކަންތައް ކުރަނީ ކީއްވެގެންތޯ މިނިސްޓަރު ވަނީ ސުވާލު ވެސް ކުރައްވާފައެވެ.
Sinamale,Male Hiyaa flat thakuge rayyithun arihah ziyaarai kurumun engigen dhanee MaleCityCouncil ge belumuge dhashugaivaa e flat thakah CityCouncil in ihmaal vefaivaa inthihaa dharaja. Rayyithunnah ehaa ihaanethikoh MDPge baarhdhashugai oi Council in kanthah kuranee keevvebaa?
— Dr.Mohamed Muizzu (@MMuizzu) June 23, 2018
މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމާއު ވިދާޅުވީ ހުރިހާ ކައުންސިލްތަކެއްގެ ބާރު ނަގައި، އެބާރުތައް ހޯމް މިނިސްޓްރީގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ކައުންސިލްތައް ނިކަމެތިކޮށް، އޮބި އަޅުވާލީ ރައީސް ޔާމިންގެ ސަރުކާރުން ކަމަށެވެ.
މާލެ ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަނެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގާފައިވާކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ އެންމެ ޒަމާންވެ ބާވެފައިވާ މާލެހިޔާ ސިނަމާލެ ފްލެޓްތައް އެކަނި މިނިސްޓްރީގެ ބެލުމުގެ ދަށަށް ނުގެންދިއުމުން މިނިސްޓަރު މުއިއްޒުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ޝަމާއު ވިދާޅުވީ މާލެހިޔާ ސިނަމާލެ ފްލެޓްތަކުގެ ހާލަތު ބަޔާންކޮށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއަށް ގުނާ އަދަދު ނުކުރޭހާ ގިނަ ސިޓީ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އެންމެ ސިޓީއެއްގެ ޖަވާބު ވެސް ލިބިފައި ނުވާ ކަމަށެވެ.
"މިފްލެޓުތަކުގެ ބެލްކަނިންގ، ސީލިންގ ތަންތަން ވެއްޓޭތީ އެތަނުގެ ހާލަތާއި ބެހޭ ގޮތުން ސާރވޭއެއް ކުރަން ވަރަށް ބޭނުންވި. އެހެންވެގެން އެސާރވޭ ކުރުމަށް ހައުސިން މިނިސްޓްރީގައި އެދުނިން. އެކަމަކު އެކަމަށް ވެސް އިޖާބައެއްދީފައި ނުވޭ. މިފަދަ ހާލަތު ދަށުތަނެއްގައި ރައްޔިތުން ދިރިއުޅޭތީ ކަންބޮޑުވޭ. ވަރަށް ގިނައިން ހުންނާނެ މިފްލެޓްތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ މީޑިއާތަކުގައި. އެކަމަކު މިތަން މަރާމާތު އަޅުގަނޑުމެން ކުރާނީ ކިހިނެތްތޯ. ބަޖެޓެއް ނުދޭ. އެހެންވީމަ މިސަރުކާރުން ރައްޔިތުންނާ މެދު ވިސްނާ ވަރު އެބަ އެނގޭނު،" ޝަމާއު ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތްތައް ކުރުމަށް ފިނޭންސް މިނިސްޓްރީން ބަޖެޓްދީފައި ނުވާ ކަމަށާއި، ބަޖެޓް ހޯދުމަށް ކުރި މަސައްކަތަށް މިސަރުކާރުން އިޖާބަދީފައި ނުވާ ކަމަށެވެ.
ޝަމާއު ވިދާޅުވީ މިފްލެޓްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް ހައުސިން މިނިސްޓްރީން މިފްލެޓްތައް ހުރި ބިމުގައި ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިމަސައްކަތްތަކާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން މަޝްވަރާ ނުކުރާ ކަމަށާއި، ހުއްދަ ވެސް ނުނަގާ ކަމަށް އޭނަ ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު މުއިއްޒަކީ އިތުރުފުޅު ހައްދަވައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ދައްކަމުންދާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.