ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމް ދައުވާ ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމުގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 13:00 އަށެވެ.
މިމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދީފައެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ދެފަރާތުން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމެވެ. މީގެ އިތުރުން ދިފާއުގައި ހެކި ހުށަހެޅުމަށް ތިން ދުވަހުގެ ފުރުސަތެއް ވެސް ނަދީމަށް ދެއްވާފައި ވެއެވެ.
މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ނަދީމުގެ ބަންދަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ނިންމަވާފައެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތުން 09 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވެއެވެ. އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.
ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފު މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު މެދުވެރިކޮށް ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަނުޖެހުން ނަގާލަން މަސައްކަތްކޮށްފައިވާތީ ކަމަށް ބުނެއެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.