ނުކުޅެދުންތެރިކަން ހުންނަ 270 އަށް ވުރެ ގިނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން އެމީހުންނަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމާ ގުޅޭ ޚާއްސަ ފޯރަމް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ގިނަ ބަޔަކަށް އެކި މުއައްސަސާތަކުންނާއި، މިނިސްޓްރީތަކުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އެމީހުން ބާރުވެރި ބަޔަކަށް ހެދުމަށް ވަޒީފާ ހަމަޖައްސައިދޭއިރު، އެމީހުންނަކީވެސް މިމުޖުތަމައުއަށް ބޭނުންތެރި، މުހިންމު ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ވަޒީފާދޭ ފަރާތްތަކުގެ މެނޭޖްމެންޓާއި އެކުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް އަމާޒުކޮށްގެން ޑިސައިބިލިޓީ ސެންސަޓައިޒޭޝަން ސެޝަންތަކެއް ހިންގާފައިވާ ކަމަށާއި، އެމީހުންނަށް ވަޒީފާގެ މާހައުލުގައި ހުރި ދަތިތައް އޮޅުން ފިލުވުމަށް ޖެންޑާރ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްހީ ދާއިރާ އާއި އިޖްތިމާއީ ދާއިރާގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުންނާއި ޚިދުމަތްދޭ އެކި ފަރާތްތަކަށް އަމާޒުކޮށްގެން ބޭސިކް އަދި އެޑްވާންސް ލެވަލްގެ 11 ސައިން ލެންގުއޭޖް ކޯހެއް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޒެނީޝާ ވިދާޅުވީ، މި ކޯސްތަކުގައި 300 އަށްވުރެ ގިނަ މީހުންނަށް ސައިން ލެންގުއޭޖަށް އަހުލުވެރި ކުރެވިފައިވާ ކަމަށެވެ.
" މިޕްރޮގްރާމްތަކުގެ ސަބަބުން އަޑުއިވުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކި ޙިދުމަތްތައް ހޯދުމުގައި ކުރިމަތިލާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފަސޭހައިން ޚިދުމަތް ލިބިދިނުމަށްޓަކައި ޑިސެބްލިޓީ ކާޑް ދޫކުރުމަށް ޓީވީ އަދި ރޭޑިއޯގެ ޒަރިއްޔާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް މިނިސްޓްރީން ކުރިއަށްގެންދަން" މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއަރުވައި ހަރުދަނާ ކުރުމަށްޓަކައި ޑިސްއެބިލިޓީ ކައުންސިލުންވެސް މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ވެސް ޅ. އަތޮޅުގެ ހުރިހާ ރަށަކަށް ކައުންސިލުން ޒިޔާރަތްކޮށް، އެއަތޮޅުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތުބަލައި، ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށެވެ.