ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެތީ، ސަމާލުވެ ތިބުމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް)އިން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އުދަ އަރާނެ ކަމަށް ބެލެވެނީ ހެނދުނު ވަގުތުގައެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހެނދުނު 9:06ގައި ދިޔަވަރު ބޮޑުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނީ ހެނދުނު 10:43 އެހާކަންހާއިރު ކަމަށް މެޓް އޮފީހުން ބުންޏެވެ.
އުދަ އަރާފާނެ ކަމަށް ލަފާކޮށް، ސަމާލުވެތިބުމަށް އެންގުމުގެ ގޮތުން މެޓް އޮފީހުން ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ވައިޓް އެލާޓްވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.
މޫސުމީ ބަދަލުތަކާ އެކު، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާތި، އިރުއިރުކޮޅާ ރާއްޖޭގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރެއެވެ. އެގޮތުން މިއަހަރުގެ އެޕްރީން މަހު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަކާއި މެދުރާއްޖޭގެ ތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ.