ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ގޮނޑިއަކަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ހޮވިވަޑައިގެންފިއެވެ.
ނަހުލާ މި މަގާމަށް ހޮވި ވަޑައިގެންފައި ވަނީ ހުކުރު ދުވަހުގެރޭ ޕެރަޑާއިސް އައިލެންޑް ރިސޯޓްގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސް ގައެވެ.
އިންތިހާބުކުރަން ހަމަޖެހިފައިވާ ކައުންސިލްގެ 15 މެމްބަރުންގެ ގޮނޑިއަށް ނަހުލާ ވާދަކުރެއްވިއިރު އެ މަގާމަށް 22 މީހަކު ކުރިމަތިލާފައިވެއެވެ. ޕާޓީގެ ކައުންސިލްގެ ގޮނޑި ނަހުލާ ކާމިޔާބު ކުރެއްވީ 227 ވޯޓުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީދަރުގެ ހައިސިއްޔަތުން ގާސިމް އިބްރާހިމް މިހާތަނަށް ދެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވައި ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެމަނިކުފާނުގެ އަނބިކަނބަލަކު މިހާތަނަށް ސިޔާސީ މަގާމެއް ފުރުއްވާފައެއް ނުވެއެވެ.