އަރި އަތޮޅުގެ ހުޅަނގުން 60 ނޯޓިކަލް މޭލު ބޭރުގައި ތިން މީހުންނާއެކު، ކަނޑު މަތިވެފައިވާ ޑިންގީއެއް އާންމުންގެ ބަޔަކަށް ފެނިގެން ރިޕޯޓް ކުރުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރި ވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ޑިންގީ ފެނިފައި ވަނީ ހުކުރު ދުވަހު މަހަށް ނިކުމެ އުޅުނު އއ.ރަސްދޫގެ މަސް ދޯންޏަކަށް ކަމަށެވެ. އަދި އޭގެ ޚަބަރު އެމްއެންޑީއެފަށް ލިބުނީ ހުކުރު ދުވަހުގެ މެންދުރު ފަހުގައިކަން އެ އިދާރާއިން ވަނީ ޔަގީންކޮށް ދެއްވާފައެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް، ވެލާނާ ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާގައި ފެނުނު ޑިންގީގައި ތިބި ތިން މީހުން ކޯސްޓްގާޑްގެ ލޯންޗަށް ނަގައިފައިވަނީ ދެ ނަމާދުގެ ދޭތެރޭގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މި ތިން މީހުން މާލެ ގެނެސްފައިވާ ކަމަށާއި އެ މީހުން މިހާރު ތިބީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ޑިންގީގައި ތިބި ތިން މީހުނަކީވެސް ބިދޭސީންނެވެ. ކަނޑުމަތީގައި ގިނަ ދުވަސްތަކެއްވެ، ކާބޯތަކެއްޗާއި ފެނަށް ޖެހުމުގެ ސަބަބުން އެކަކުގެ ހާލު ވަނީ ދެރަވެފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީގު ކުރަމުންނެވެ.