ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އިތުރު ގިނަ ބަދަލުތަކެއް އަސާސީ ގަވައިދަށް ގެނެސްފި އެވެ.
މީގެކުރިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އޮޓޮމެޓިކުން ލިބެނީ ޕާޓީގެ ލީޑަރަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ގެެނައި ބަދަލުގައި ވަނީ ރިޔާސީ ޓިކެޓު ލިބޭނީ ޕާޓީގެ އެތެރޭގެ ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. ޕްރައިމަރީ ބާއްވަން އަސާސީ ގަވައިދުގައި ކަނޑައެޅިނަމަވެސް އެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ ހަމައެކަނި ޕާޓީ ކައުންސިލް މެމްބަރުންނަށެވެ. އާންމު މެމްބަރުންނަށް ވޯޓުލުމުގެ ހައްޤެއް ނުލިބޭނެ އެވެ.
އޭގެއިތުރުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ރައީސަކާއި، ނައިބް ރައީސަކު އިންތިހާބްކުރުން ހިމެނެ އެވެ. އަސާސީ ގަވައިދަށް ގެނައި އިސްލާހުގައިވާގޮތުން ޕާޓީގެ ރައީސަކީ އިދާރީ ކަންކަމުގައި އެންމެ އިސް ފަރާތެވެ. އަދި ޕާޓީގެ ލީޑަރަކު ނެތް ހާލަތްތަކުގައި ރައީސަށް ބައެއް ބާރުތައްދީފައިވާއިރު، އޭނާގެ ނައިބް ރައީސަކު އިންތިހާބްކުރުމަށްވެސް އަސާސީ ގަވައިދަށް ވަނީ އިސްލާހް ގެނެސްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ފާސްކޮށް ހުށައެޅި އިސްލާހުތަކުގެ އިތުރުން އިބްރާހިމް ހަނީފް ހުށައެޅި އިސްލާހުތައްވެސް ވަނީ ކޮންގްރެސްގައި ފާސްކޮށްފަ އެވެ. އެ ފާސްކުރި އިސްލާހްގައިވާގޮތުން ޕާޓީގެ ރައީސަށް ލިބިދޭ ބާރުތައް ވަނީ ހަނިކޮށްފަ އެވެ. އަދި ޕާޓީގެ ނައިބް ލީޑަރަށް ބާރުތައް ލިބިދޭގޮތަށެވެ. އެ އިސްލާހް ފާސްވެފައިވަނީ 195 މެމްބަރުންގެ ވޯޓުންނެވެ.
ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ހުށައެޅި ހުށައެޅުމުގައިވާގޮތުން ޕާޓީގެ ލީޑަރު ނެތް ހާލަތެއްގައި ބަރުތައް ލިބިދެނީ ޕާޓީގެ ރައީސަށެވެ. ނަމަވެސް ހަނީފް ހުށައެޅި އިސްލާހުތަކުގެ ދަށުން އެ ބާރު ލިބެނީ ޕާޓީގެ ނައިބް ލީޑަރުންގެ ތެރެއިން އިންތިހާބްކުރާ މީހަކަށެވެ. އެ މީހަކު އިންތިހާބްކުރަންޖެހޭނީ ޕާޓީގެ ކައުންސިލުންނެވެ.
ޤައުމީ ހިންގާ ކޮމެޓީން ގެނައި އިސްލާހްތަކާއި، ކޮންގްރެސްއިން ފާސްކުރި އިސްލާހްތަކާއެކު މުޅި އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 303 ވޯޓާއެކުގަ އެވެ.