އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާ ގުޅުވައިގެން "ޖަޒީރާ ދުވުން" ކުރިއަށް ގެންދަން އުޅުނު ވަގުތާ ދިމާކޮށް، އެކުވެނި ޓްރެކް ސަރަހައްދު އާންމުނަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމުން މަގުމައްޗަށް ދުވަން ނުކުތް ބައެއް މީހުން ހައްޔަރުކޮށް، އެ ހަރަކާތަށް ފުލުހުން ހުރަސް އަޅައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު އެކުވެނި ޓްރެކް ސަރަހައްދުގައި ޖަޒީރާ ދުވުން ކުރިއަށް ގެންދާނެ ކަމަށް މީގެ ފަސް ދުވަސް ކުރިން އެމްޑީޕީން ބުނެފައި ވަނިކޮށް، ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހުގެ ހަވީރު ޔޫތު މިނިސްޓްރީން އެތަނުގައި ވަނީ ނޯޓިހެއް ބަހައްޓާފައެވެ. އެތަނުގައި ބެހެއްޓި ނޯޓިހެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ބޭނުމަށް ހުކުރު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:30އަށް އެތަން ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބޭނުންކޮށްގެން، އާންމުންނަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ވަށައިގެން ބަންދު ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިނިސްޓްރީއަކުން ވެސް އަދި ފުލުހުން ވެސް ނުބުނެއެވެ.
ޖަޒީރާ ދުވުން ކުރިއަށް ގެންދަން އޮތް ވަގުތާ ދިމާކޮށް، އެކުވެނި ޓްރެކް ބަންދު ކުރި ނަމަވެސް، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ހުކުރު ދުވަހު އެ ސަރަހައްދަށް ޖަމާވިއެވެ. އަދި ކޮންމެ ވެސް ހިސާބަކަށް ބައެއް ބައިވެރިން ދުވުން ކުރިއަށް ގެންދިޔައެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާ އެކު، މޭލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުން، ކަޅުތުއްކަލާކޮށްޓާ އަރާހަމަނުވަނީސް ދުވުމުގެ ބައިވެރިން ވަނީ ހުއްޓުވާފައެވެ.
އެ ހަރަކާތުގެ ތެރެއިން ހުއްޓުވައި ހައްޔަރު ކުރީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒާއި އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމުގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު މައިމޫން މުހައްމަދެވެ.
ހަރަކާތުގެ ބައިވެރިން ފަހަތަށް ޖައްސަން ފެށީ އެ މީހުން ހައްޔަރު ކުރުމަށްފަހުއެވެ. އެގޮތުން ޖަޒީރާ ދުވުމުގެ ބައިވެރިން ފަހަތަށް ޖައްސަމުން ގޮސް، އެކުވެނި ޓްރެކް ސަރަހައްދަށް އަނބުރާ ފަހަތަށް ޖެއްސިއެވެ. ދުވުމުގެ ހުރިހާ ބައިވެރިން އެ ސަރަހައްދަށް ޖަމާކުރުމަށްފަހު، ފުލުހުން ވަނީ އެ މީހުންނަށް ކުރިއަށް ނުގެންދެވޭ ގޮތަށް ވަށައިގެން ސަފު އަތުރައި ބަންދުކޮށްފައެވެ. އަދި އެ މީހުން ބަންދުކޮށްފައިވާ ދިމާލަށް އެހެން ބަޔަކަށް ނުވަދެވޭ ގޮތަށް މަގުތަކުގައި ފުލުހުން ބެރިކޭޑް ވެސް ޖެހިއެވެ. މީޑިއާތަށް ވެސް އެތަނުން ދުރަށް ޖެއްސިއެވެ.
ކުރިއަށް ނުދެވޭނެ ގޮތަށް ހުރަސް އަޅައިގެން ތިބި މީހުން އެތަނުން ދިއުމަށް ފުލުހުން ފުރުސަތު ދިނީ އިރުއޮއްސެން ކައިރިވި ވަގުތާ ދިމާކޮށެވެ. އެއާއެކު އެ ހަރަކާތުގެ ބައެއް ބައިވެރިން އެކި ދިމަދިމާލަށް ހިނގައިގަތެވެ. އަދި އެހެން ބައިވެރިން ހަރަކާތް ކުރިއަށް ގެންދިއުމުގެ ގޮތުން މާލޭގެ މަގުތަކުގައި ދުވުން ކުރިއަށް ގެންދިޔައެވެ. އެ ހަރަކާތް ނިންމާލާފައި ވަނީ އެމްޑީޕީ ހަރުގެއަށެވެ.
ޖަޒީރާ ދުވުމުން ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރުއެވެ.