ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ފަށައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށި ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. އެ މަންދޫބުންނާ އެކު ކޮންގްރެސް ފަށާފައި ވަނީ ހުކުރު ދުވަހު (މިއަދު) މެންދުރުފަހު 3:00 ގައެވެ.
ކޮންގްރެސް ފެށުމުގެ ކުރިން ބައެއް ނުރަސްމީ ބައްދަލުވުންތައް ވެސް ކުރިއަށްގެންގޮސްފައިވާއިރު، އެ ބައްދަލުވުންތަކުގައި ވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަޝްވަރާތައް ކުރިއަށްގެންްގޮޮސްފައެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިދާރި މަޤާމުތަކާ ގުޅުން ހުރި މައުލޫމާތު ވަނީ ކޮންގްރެސް ބައިވެރިންނާ ހިއްސާކޮށްފައެވެ.
ޖޭޕީގެ ކޮންގްރެސް ފަށާފައިވާއިރު، ކޮންގްރެސްގައި އަސާސީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕްރައިމަރީއަކުން ރިޔާސީ ކެެނޑިޑޭޓަކު ކަނޑައެޅުމަށް އަސާސީ ގަވައިދަށް ބަދަލުގެނައުމަށް ތާވަލްކޮށްފައިވާއިރު، މީގެ ކުރިން ޕާޓީގެ ރިޔާސީ ޓިކެޓް ލިބެނީ ޕާޓީގެ ލީޑަރަށެވެ. އޭގެ އިތުރުން ޕާޓީގެ ދިދަ އާއި ލޯގޯ ފާސްކުރުމަށް ވެސް ވަނީ ތާވަލްކޮށްފައެވެ.
އޭގެ އިތުރުން ޖޭޕީގެ މަޤާމުތަކުގެ އިންތިހާބު ބާއްވާއިރު، ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 30 މަގާމަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންގްރެސް ހުކުރު ދުވަހުގެ ރޭ ފަތިހު 4:00 ހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
އިންތިހާބުކުރުމަށް ހަމަޖެހިފައިވާ ބައެއް މަޤާމުތަކާއި ކުރިމަތިލެއްވި ބޭފުޅުން
ޖުމްހޫރީ ޕާޓީގެ ލީޑަރު (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):
އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވާ (ސަބަބަކީ، އެއީ ޤާސިމް އިބްރާހިމް ފުރުއްވަމުންގެންދެވި މަޤާމުކަމުގައިވުން)
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 4):
އަބްދުﷲ ކަމާލުއްދީން
އަމީން އިބްރާހިމް
ޑރ. ހުސެއިން ރަޝީދު
އަބްދުﷲ އަމީން
މުހައްމަދު ފަޔާޒް (އެފްއޭ)
ޖުމްހޫރީ ޕާޓީގެ ރައީސް (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):
އަލީ ވަހީދު
ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް (އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ އަދަދު: 1):
ޑރ. އަބްދުﷲ މައުސޫމް