ދިވެހި ދައުލަތާ ވަކިވެ، ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ވަކި ގައުމެއްގެ ގޮތުގައި ސުވައިދީބު އިއުލާން ކުރުމަކީ ބަޣާވާތެއް ކަމަށް އެކަމުގައި އިސްކޮށް އުޅުއްވި ސުވައިދީބުގެ ރައީސް އަބްދުﷲ އަފީފީ ދީދީ ދެކެވަޑައިގަންނަވާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ 1980 ވަނަ އަހަރު، އޭރުގެ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ ޒާހިރު)އަށް އަފީފު ދެއްވި ހަ ގަޑިއިރުގެ އިންޓަވިއުގެ ވާހަކަތައް ހިމެނޭ ފޮތް ނެރުމަށް ބޭއްވި ހަފްލާގައި ޒާހިރު ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެންނެވެ.
އަފީފާ ހަވާލާ ދެއްވައި ޒާހިރު ވިދާޅުވީ އަފީފަށް ކުރެވުނީ ގޯސް ކަމެއް ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށާއި އެއީ މަޖުބޫރުވެގެން ކުރެއްވި ކަމެއް ކަމަށް އަފީފު ވިދާޅުވި ކަމަށެވެ. "ރާއްޖެއެމްވީ"އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިރު ވިދާޅުވީ އިނގިރޭސީން އަޑީގައި ތިބެގެން އަފީފު ލައްވައި ސުވައިދީބު އިއުލާންކޮށްފައި ވަނީ "ތިމަން ޔޫސް ކޮށްގެން" ކަމަށް އަފީފު ވިދާޅުވެފައިވާ ކަމަށެވެ.
އެ ވާހަކަތައް ޒާހިރު ތަފްސީލުކޮށްދެއްވާފައި ވަނީ އޭނާ ލިޔުއްވި 175 ސޮފުހާގެ "އައްޑޫ ރަދުން"ގެ ފޮތުގައެވެ.
ނަޝީދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1989 ވަނަ އަހަރު އަފީފު މާލެ ވަޑައިގެންނެވި ކަމަށާއި އޭނާ މާލެ ވަޑައިގަތުމުން އަފީފާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ހުވަފަތްވެފައިވާ އަފީފުގެ އަނބިކަނބަލުން އަނީސާ އަލި ދީދީއާ ޖަރުމަނުގެ މަޖައްލާއަކުން 1994 ވަނަ އަހަރު އިންޓަވިއުއެއް ކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސީނާ ޒާހިރު ފާހަގަ ކުރައްވާފައިވާ ގޮތަށް އައްޑޫ މައްސަލައަކީ ބަގާވާތެއް ކަމަށް އަފީފު ދީދީ ދެކެވަޑައިގަންނަވާ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
Abdulla Afeef Didi 1989 ga Male’ vadaigaiy iru alhuganduves bahdhalukurin.Adhi 1994 ga German majalla akun Aneesa aai interview eh kuri.Vaadhoo Zahir efaahaga kuravvaa gothah “Addu Massala” akee baghavaatheh kamah Afeef Didi dekevadaigannava kamakah alhugandakah lafaeh nukurevunu
— Mohamed Nasheed (@MohamedNasheed) June 22, 2018
އިނގިރޭސީންގެ އެހީތެރިކަމާ އެކު، ވަކި ދައުލަތެއްގެ ގޮތުގައި ސުވައިދީބު އިއުލާން ކުރީ 1959 އަހަރުގެ ޖެނުއަރީ މަހުއެވެ. ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނެސް، ސުވައިދީބު އުވާލާފައި ވަނީ 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ސުވައިދީބުގެ ރައީސަކަށް ހުންނެވި އަފީފާއި އޭނާގެ އާއިލާ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން، އަސްކަރީ މަނަވަރެއްގައި ސީޝެލްސްއަށް ގެންދިޔައީ ހަމަ އެ އަހަރުއެވެ. އަފީފު ނިޔާވީ އުމުރުފުޅުން 77 އަހަރުގައެވެ.