ސިޔާސީ ޙަސަދައާއި ތަޢައްސުބުން ސަލާމަތްވެ، ޤައުމައިގެން އައު ފެށުމަކުން ފެށުމަށް އެދޭކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ހުސައިން ވިދާޅުވެއްޖެއެވެ.
ބޮޑެތި ޕާޓީތަކުގެ ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބަށް ނިކުންނެވުމާއި ގުޅޭގޮތުން ރާއްޖެ.އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝުޖާޢު ވިދާޅުވީ ސިޔާސީ ޙަސަދައާއި ތަޢައްސުބު އެއްކިބާވެގެން ނޫނީ ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެކަމަށެވެ.
ޝުޖާޢުގެ ވެރިކަމެއްގައި ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅި، ވަޒީފާ ހޯދަން މަސައްކަތްކުރާ ޒުވާނުންނަށް ޚާއްސަ އެލަވަންސެއް ދެއްވާނެކަމަށް ވިދާޅުވެ، އޭނާ ވަނީ ސިޔާސަތެއް އިއުލާންކުރައްވާފައެވެ.
ޝުޖާޢު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރެއްވީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅުގައެވެ.
ޝުޖާޢު ހާމަކުރައްވާފައިވާ އޭނާގެ ފުރަތަމަ ސިޔާސަތުގައިވާ ގޮތުން ސްކިލްޑް ވަޒީފާތަކުގެ އަސާސީ މުސާރައަކަށް 10،000ރ އަދި އަންސްކިލްޑް ވަޒީފާތަކުގެ އަސާސީ މުސާރައަކަށް 5،000ރ ހަދައިދިނުމަކީ އޭނާގެ ވައުދެކެވެ. ވަޒީފާއެއް ހޯދުމަށް ޒުވާނުންކުރާ މަސައްކަތުގައި ދައުލަތުގެ މަދަދުވެރިކަމެއް އޮންނަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެ، ޝުޖާޢު ވިދާޅުވީ ވަޒީފާ ހޯދަން މަސައްކަތްކުރާ ޒުވާނުންނަށް 'އަންއެމްޕްލޯއީމަންޓް އެލަވަންސް'ގެ ގޮތުގައި 3،000ރ އާއި 5،000ރ އާއި ދެމެދުގެ އިނާޔަތެއް ލިބެން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.
މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވާ ކުއްލި ޙާލަތަކާއި ގުޅިގެން ވަގުތީ ހިޔާވަހިކަމެއް ބޭނުންވާ ފަރާތްތަކަށް އެކަން ފުރިހަމަވެފައި އޮންނަން ޖެހޭނެކަމަށާއި، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެފަދަ މަރުކަޒުތަކެއް ޤާއިމްކުރެވޭނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢުއަކީ އަމިއްލަ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށް، ކެމްޕޭން ކުރައްވަމުން ގެންދަވާ 2 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. އަނެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރ އަދި 2008ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ބޮޑު ނާކާމިޔާބިއަކާއި ކުރިމަތިވި، އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވި އުމަރު ނަސީރެވެ.
މި ދެބޭފުޅުންގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝިދާއި ވެރިކަމުގައި މިހާރު ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ކުރިއަށް ގެންދަވަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އޮންނާނެ ކެބިނެޓެއް އިއުލާންކުރައްވާފައެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގެ މައްސަލައަކީ މިހާތަނަށް އެއްވެސް ބޭފުޅެއްގެ ވެރިކަމުގައި ކާމިޔާބު ހޯދުނު މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ އަހަރެއްގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް، މަސައްކަތްތެރިންގެ ހައްޤުގައި މަސައްކަތްކުރާ ޖަމްއިއްޔާތަކުން މިމައްސަލަ ރިޔާސީ ކެންޑިޑޭޓުންނާއި ހަމަޔަށް ގެންދެއެވެ.
ޝުޖާޢު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު ވައުދުތައް ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ.