އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއް މާލެ އެކުވެރި ޓްރެކު ސަރަހައްދުގައި ހުކުރު ދުވަހުގެ ހަވީރު ބާއްވަން ނިންމާފައި ވަނިކޮށް، އާންމުންނަށް އެތަން ބަންދުކޮށްފިއެވެ.
ހުކުރު ދުވަހުގެ ހަވީރު 4:30 ގައި އެކުވެނި ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ނިންމާފައި ވަނީ ދުވުމުގެ ހަރަކާތެކެވެ. ޖަޒީރާ ދުވުމުގެ ނަމުގައި އެ ހަރަކާތް ފަށަން 24 ގަޑިއިރަށްވެފައި ވަނިކޮށް، ބުރާސްފަތި ދުވަހުގެ ހަވީރު އެތަނުގައި ވަނީ ނޯޓިސްއެއް ބަހައްޓާފައެވެ.
އެކުވެނި ޓްރެކް ސަރަހައްދުގައި ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ބޭނުމަކަށް ހުކުރު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:30 އަށް އެކުވެނި ޓްރެކް ދަނޑު އާންމުންނަށް ބަންދުވާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ސަރަހައްދުގައި އެ ވަގުތު ސަރުކާރުގެ އެއްވެސް ކަމެއް އަދި އަމިއްލަ ފަރާތަކުން ވެސް އެއް ހަރަކާތެއް ބާއްވާނެކަން އިއުލާނުކޮށްފައެއް ނުވެއެވެ.
#MDP announced a #Run in the only available running track in Male’ and @presidencymv couldn’t digest it . Ordered his puppet Youth Minister to close the area for couple of hours. #Jazeerarun will go on . pic.twitter.com/n5Fou3t7jM
— Aishath Jennifer (@JenniferAishath) June 21, 2018
އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ހަރަކާތެއް އެކުވެނި ޓްރެކުގައި ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް، އެތަން ބަންދު ކުރަން ނިންމުމުން، އެ ޕާޓީގެ އާންމު މެމްބަރުން ގެންދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެސް ކޯޓު އަމުރަކާ އެކު ފުލުހުން ހުއްޓުވަން އުޅުނެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރައިމަރީ ބާއްވައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުހައްމަދު ނަޝީދު ވަނީ ހޮއްވަވާފައެވެ. އެ ޕްރައިމަރީގައި 40،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވެއެވެ.
ޖަޒީރާ ދުވުން ބާއްވާ ވަގުތު އެކުވެނި ޓްރެކް ބަންދު ކުރަން ސަރުކާރުން ނިންމުމުން ވެސް އެ ހަރަކާތް އެމްޑީޕީން ކެންސަލްކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން މި މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސް އަށް ހުރަސް އެޅުމަށް ވެސް ސަރުކާރުން މަސައްކަތްކުރާކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.