ޖުމްހޫރީ ޕާޓީގެ އައު ލޯގޯ އާއި ދިދަ ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީން އައު ލޯގާއަކާއި ދިދައެއް ތައްޔާރުކުރީީ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން އިލެކްޝަންސް ކޮމިޝަނުން ނިމުނު އަހަރު މަނާކުރުމާއި ގުޅިގެންނެވެ. ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކުރީ، އެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.
އެ ނިންމުން ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސިވިލް ކޯޓަަށް މައްސަލަވެސް ހުށައަޅާފައިވެއެވެ. ނަމަވެސް ހުށައެޅި އެ މައްސަލާގައި މިއަދާއި ހަމައަށްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ފާސްކުރި އެ ލޯގޯއާއި ދިދައިގައި ހިމެނޭ ހަނދުފަޅި ވަނީ ނަގައިފަ އެވެ. ހަނދުފަޅީގެ ބަދަލުގައި ވަށް ބޮޅެއްލާފައިވުން ފިޔަވައި އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީން ބުނީ އެ ލޯގޯ އާއި ދިދައަކީ އިލެކްޝަންސް ކޮމިޝަނުން ފާސްކޮށް، ބޭނުންކުރުމުގެ ހުއްދަދީފައިވާ ލޯގޯއެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރުން މަނާކުރި ލޯގޯއަކީ އެ ޕާޓީން 2008 ވަނަ އަހަރު ބޭނުންކުރަން ފެށި ލޯގާއަކާއި ދިދައެކެވެ. އަދި އެ ލޯގޯއަކީ އޭރުގެ އިލެކްޝަންސް ކޮމިޝަނުންވެސް ހުއްދަދީގެން ބޭނުންކުރި ލޯގޯއެކެވެ. އެ ލޯގޯއާއި ދިދަ ބޭނުންކޮށްގެން ނިމިދިޔަ 10 އަހަރުގައި ބޭއްވި އިންތިހާބުތަކުގައި ޖުމްހޫރީ ޕާޓީން ކެމްޕޭންވެސް ކުރިއަށްގެންގޮސްފައިވެއެވެ.