ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ގޮނޑިއަކަށް އެ ޕާޓީ އުފެއްދުމުގެ އެންމެ އިސް މޭތިރި، ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ކުރިމަތިލައްވައިފި އެވެ.
ޖުމްޙޫރީ ޕާޓީގެ ކޮންގްރެސްއިން އިންތިހާބުކުރަން ހަމަޖެހިފައިވާ ކައުންސިލްގެ 15 މެމްބަރުންގެ ގޮނޑިއަށް ނަހުލާ ވާދަކުރައްވާއިރު އެ މަގާމަށް 22 މީހަކު ކުރިމަތިލާފައިވެ އެވެ.
ޖުމްހޫރީ ޕާޓީ އުފެއްދެވި ގާސިމް އިބްރާހިމް މިހާތަނަށް ދެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވައި ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އަނބިކަނބަލަކު ސިޔާސީ މަގާމެއް ފުރުއްވާފައިނުވެ އެވެ. ގާސިމް އަނބިކަނބަލުން ނަހުލާ ވެސް މީގެ ކުރިން ސިޔާސީ މައިދާނުން ފެނިފައިނުވެ އެވެ.
ޖުމްހޫރީ ޕާޓީގެ އެންމެ އިސް މަގާމު ކަމަށްވާ އެ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް މީހަކު ކުރިމަތިލައްވާފައިނުވެ އެވެ. ނަމަވެސް އެ ޕާޓީގެ ހަތަރު ނައިބް ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު އެޕާޓީގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް އިންތިހާބު ކުރަން ނިންމާފައިވަނީ އެއް ބޭފުޅެކެވެ. މިއިން ކޮންމެ މަގާމަކަށް ކުރިމަތިލައްވާފައިވަނީ ވެސް އެންމެ ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ މާގާމުތައް މިފަހަރު އިތުރުކޮށްފައިވާއިރު އެ މަގާމުތަކުގެ ވާދަވެރިކަންވެސް ވަނީ ބޮޑުވެފަ އެވެ.