އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އއ. އުކުޅަހުގައި ބާއްވަން ނިންމާފައި ވަނިކޮށް، އެ ރަށު ކައުންސިލްގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ އަދަދެއްގެ އެމްޑީޕީ ކައުންސިލަރުންތަކެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކޮށްފިއެވެ.
އެމްޑީޕީން މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް ސަސްޕެންޑްކޮށްފައިވާ ކައުންސިލަރުންގެ އަދަދު 12 އަށް ވުރެ ގިނައެވެ. ގިނަ ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ ތިން މަސް ދުވަހަށެވެ.
ސަސްޕެންޑްކޮށްފައި ވަނީ އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމާއި ވ. ފުލިދޫ ކައުންސިލަރަކާއި ށ. ބިލެއްފަހި ކައުންސިލަރަކާއި އއ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކާއި ގއ. އަތޮޅު ކައުންސިލްގެ ރައީސާއި ގއ. މާމެންދޫ ކައުންސިލްގެ މެމްބަރަކާއި ޅ. އޮޅުވެލިފުށީ ކައުންސިލްގެ މެމްބަރެއްގެ އިތުރުން ހއ. ކެލާގެ ކައުންސިލްގެ މެމްބަރެކެވެ. މީގެ އިތުރުން ވެސް ބައެއް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެލްޖީއޭ އިން އެ ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް އެ ކައުންސިލަރުން އެއްބާރުލުން ދެއްވި ކަމަށް ބުނެއެވެ.