އެމްޑީޕީއާ އެކު ތިބި ބަޔަކާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ހަވީރު އެ ޕާޓީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެމްޑީޕީ ހިމެނޭ ކޯލިޝަނަށް ވުރެ ރަނގަޅު ގޮތެއް ފެނިގެން ވަޑައިގަތުމަކީ އެމްޑީޕީގެ އަށް މައްސަލައެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އޮތީ ރައްޔިތުންގެ ބޭނުންވާ އުއްމީދުތައް ހާސިލް ކޮށްދިނުމަށް އެ ޕާޓީއާ އެކު މަސައްކަތް ކުރަން ތިބި ބަޔަކާ އެކު ކުރިއަށްދާން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ފެނިއްޖެ ހިޔާލީ ކެބިނެޓެއް އެކުލަވާލީ ޖުމްޙޫރީ ޕާޓީން. އެމްޑީޕީން އޭގައި ނުހިމެނޭ ގޮތަށް. އެކަމު އަޅުގަނޑު އޭގައި ދަންނަވަން އޮތީ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ވަރަށް ހެޔޮ ހިތުން ސާފު މަގުސަދެއްގައި އެކުލަވާލި ކޯލިޝަނެއް އެކުލާވާލީ. އެ ކޯލިޝަނަށް ވުރެ ރަނގަޅު ގޮތެއް އޮނަރަބަލް ގާސިމް އިބްރާހިމަށް ފެނިވަޑައިގެންފިއްޔާ މި ކޯލިޝަން ދޫކުރައްވައި ވަޑައިގެންނެވުން އެއީ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާން ތިބި ޕާޓީތަކާ އެކު ކުރިއަށްދާން. މި ޕާޓީގައި ރިޔާސީ ކެންޑިޑޭޓެއް ހުންނާނެ،" ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ ކޯލިޝަނެއް ގޮތަށް އޮއްވައި ގާސިމް އިބްރާހިމް ހިޔާލީ ކެބިނެޓެއް އިއުލާންކުރައްވުމަކީ ކުރެއްވި ނުރަނގަޅު ކަމެއް ކަމަށެވެ. އަދި އެމްޑީޕީން ސަރުކާރު އެކުލަވާލުމުގައި ގެންގުޅޭ ވިސްނުން މިހާރު ހާމަކޮށްފި ނަމަ އެކުރެވުނީ ޖުމްހޫރީ ޕާޓީން ކުރި ފަދަ ނުރަނގަޅު ކަމެއް ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ އެއް ޕާޓީއެއްގެ ގޮތުން ބޮޑު ޕާޓީއެއް ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ބޮޑު ޕާޓީން ކެނޑިޑޭޓަކު ދެއްކުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ވޯޓުލަނީ އެމީހުނަށް ރަނގަޅު ގޮތްތަކަކަށް ކަން ފާއިތުވި އިންތިހާބުތަކުގެ ނަތީޖާ އިން އެނގިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި 362 ކެނޑިޑޭޓުން ކައުންސިލް އިންތިހާބު ކާމިޔާބުކޮށްފައި ވުމެވެ.
އެމްޑީޕީން ވަކި ކެމްޕެއިނެއް ކުރުމަކީ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތައް ސިންގަލް ކެނިޑޭޓެއް ނެރުމަށް ކުރަމުންދާ ކެމްޕެއިނެއް ކަމަށާއި އެހެން ޕާޓީތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހުށައެޅުމަށް އެ ޕާޓީން ތައްޔާރުކުރާ މެނިފެސްޓޯ މި މަހު ބާއްވާ ކޮންގްރެސްގައި ލޯންޗް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކެމްޕެއިނަށް މީހުން ޓްރޭން ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.