ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އެއް މަސްދުވަހަށް ފަހު އާއިލީ ބައްދަލުވުން މިއަދު ދީފިއެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަހެއް ފަހުން މިއަދު އާއިލީ ބައްދަލުވުން ދިނީ ބިއްލޫރި ދޮރެއްގެ ފުރަގަހުން ފޯނުން ކަމަށެވެ.
ދޫނިދޫގައި އެކަހެރިކޮށް ބަހައްޓަވާފައި ހުންނަވާ އަދީބަށް ވަކީލުންގެ ބައްދަލުވުން ވެސް ހަމަޖައްސައި ނުދީ އެތައް ދުވަހެއް ވުމަށް ފަހު ވަކީލުންގެ ބައްދަލުވުންތައް ދޭން ފެށީ 9 ޖޫން އިން ފެށިގެންނެވެ.
އެކި ބަހަނާތައް ދައްކައި ވަކީލުންގެ ބައްދަލުވުން ނުދީ ހިފެހެއްޓި ކަމަށް އަދީބުގެ ވަކީލުންނާއި އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި އާއިލީ ބަައްދަލުވުން ހަމަޖައްސައި ނުދޭތީ އަދީބުގެ އާއިލާއިންނާއި އަނބިކަނބަލުން މަރިޔަމް ނަޝްވާ އެޗްއާރުސީއެމް އާއި ކަރެކްޝަންސްއަށް އެތައް ފަހަރަކު މައްސަލަ ހުށަހެޅިއެވެ. އަދީބުގެ ވަކީލުންގެ ބައްދަލުވުންތައް ނުދީގެން ކްރިމިނަލް ކޯޓުގެ ބައެއް އަޑުއެހުންތައް ކެންސަލުކޮށް އަދީބަށް ވަކީލު ބައްދަލުވުންތައް ހަމަޖައްސައިދޭން އަމުރު ވެސް ކުރިއެވެ.
އާއިލީ ބައްދަލުވުންތައް ކުރިން ހަފްތާއަކު އެއްފަހަރު ދެމުން އައިސް މިހާރު މަހަކަށް ބަދަލުކޮށް ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނެއްގެ އަތްގަނޑު މެދުވެރިކޮށް ދޭން ފެށުމުން ނަޝްވާ އެކަން ސިފަކުރެއްވީ އަނިޔާގެ މައްޗަށް ދިން އިތުރު އަނިޔާއަކާއި ހިތްދަތިކަމެއްގެ ގޮތުގައެވެ. އޭނާ ވަނީ އެޗްއާރުސީއެމްއަށާއި، ޕޮލިސް އަދި ކަރެކްޝަންސްއަށް މި ޓްވީޓް ޓެގް ކުރައްވާފައެވެ.
When family meeting was given today after a month, had to talk to Adeeb behind glassed walls through phone. While denying Adeeb his lawyers meetings, his family meetings are also being restricted on a new level. This is an act of sheer torture. @hrcmv @PoliceMv @Corrections_Mv
— Nash (@maryam_nashwa) June 21, 2018