ކެމްޕެއިން ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް އެމްޑީޕީން ވޯކްޝޮޕެއް ބާއްވައިފިއެވެ.
ބުރާސްފަތި ދުވަހު ސޯލްޓް ކެފޭގައި ބޭއްވި މިވޯކްޝޮޕްގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާއި އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ކެމްޕެއިންތަކުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މިވޯކްޝޮޕަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކެމްޕެއިން ކުރުމުގައި ގެންގުޅޭނެ ތަފާތު އުކުޅުތަކާއި ކެމްޕެއިން ހިންގުމުގައި އެއްގޮތަކަށް ޢަމަލް ކުރުމުގެ ގޮތުން އެކަމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ބޭއްވި ވޯކްޝޮޕެކެވެ.
އެމްޑީޕީން ބުނީ މާލޭގައި މިވޯކްޝޮޕް ބޭއްވިކަމުގައި ވިއަސް ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް މިފަދަ ޓްރެއިނިންގ ސެޝަންސްތައް ބާއްވާނެ ކަމަށެވެ. އަދި މިވަގުތު އެމްޑީޕީން ކެމްޕެއިން ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި ގުޅިފައިވާ ޕާޓީތަކުން އެކުވެ އެއްކޮށް ކުރާ ކެމްޕެއިން ފެށުމާ އެކު އިތުރަށް މަޝްވަރާކޮށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެސް، މިފަދަ ޓްރެއިނިންގ ވޯކްޝޮޕަކުން ދަސްކޮށްދޭނެ ކަމަށް ވެސް މިވޯކްޝޮޕްގައި ކިޔަވައިދެއްވި ބޭފުޅަކު ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ އަދި ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހަރަކާތެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ވަރަށް ބޭނުންތެރި ވޯކްޝަޕެއް ކަމަށާއި މިވޯކްޝޮޕްގެ ސަބަބުން ކާމިޔާބު ކެމްޕެއިނެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ކެމްޕެއިން ކުރުމުގައި އެއްގޮތް ގޮތްތަކެއް ގެންގުޅެވޭނޭ މަގު ފަހިވެގެން ދާނޭ ކަމަށެވެ.