މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވި އިރު، 1،700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަނުން ކުރި ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 1778 ވުރެ ގިނަ ޝަކުވާ އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންގެ ނަންތައް ވޯޓަރސް ލިސްޓުގައި ހިމެނިފައިހުރި ކަމުގެ ޝަކުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓާ ގުޅިގެން އެމްޑީޕީން އެ ލިސްޓް ދިރާސާ ކުރުމަށްފަހު ހަމައެކަނި އެޕާޓީން ވެސް ވަނީ ހާހެއްހާ މައްސަލަ ހުށަހަޅާފައެވެ.
އިލެކްޝަންސްއިން އާއްމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން، މިއަހަރުގެ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ.