މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި އަށާރަ އަހަރު ނުފުރޭ 1,400 އަށް ވުރެ ގިނަ ކުދިންގެ ނަން ހުރި ކަމަށް ބުނެ ލިބުނު ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ހުށަހަޅައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ނެރެފައިވާ ވޯޓާސް ލިސްޓާ ގުޅިގެން އެމްޑީޕީން އެ ލިސްޓް ދިރާސާ ކުރުމަށްފަހު ބުނީ ވޯޓާސް ލިސްޓުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މިހާރު އެ މައްސަލަތައް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައި އަށާރަ އަހަރު ނުފުރޭ 1449 ކުއްޖަކު ހިމެނޭ ކަމަށާއި، މަރުވެފައި ތިބި 412 މީހުންގެ ނަން ހިމެނޭ ކަމަށެވެ. ލިސްޓުގައި 12 މީހެއްގެ ނަން ނެތް އިރު، 76 ނަމެއް ތަކުރާރުވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ދެ މީހެއްގެ ނަން ނުބައިކޮށް ލިޔެފައިވާއިރު، ގޭގެ އެޑްރެސް ދިމާ ނުވާ ހަ މީހަކު ހިމެނޭ ކަމަށެވެ. މީގެ އިތުރަށް އެމްޑީޕީން ބުނީ 263،181 މީހުންގެ އައިޑީކާޑު ނަންބަރު ލިސްޓުގައި ހިމަނާފައި ނުވާ މައްސަލަ ވެސް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ ވޯޓަރސް ލިސްޓު ސައްހަކޮށް ބޭއްވުމަކީ ޕާޓީތަކުން އެކަނި ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ވޯޓަރސް ލިސްޓު ސައްހަ ކުރުމުގެ އެންމެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިލެކްޝަން ކޮމިޝަނުން ކަމަށެވެ. މުޅި އިންތިޚާބު ބިނާވާ އެންމެ މުހިއްމު އެކައްޗަކީ ވޯޓަރސް ލިސްޓްކަން ފާހަގަކުރައްވައި އެމްޑީޕީން ބުނީ އެލިސްޓު ވާންޖެހޭނީ ޒިންމާދާރު ކަމާއިއެކު ހެދިފައިވާ ސައްހަ ލިސްޓަކަށް ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ހަދާފައިވާ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ވަގުތު ހަމަވި ކަމުގައި ވިޔަސް، އިލެކްޝަން ކޮމިޝަނުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ސައްހަ ވޯޓަރސް ލިސްޓެއް އާންމު ކުރުން ކަމަށާއި އެކަމަށް ވަގުތު ލިބުނު ކަމަށް ގަބޫލު ނުކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
މުޅި ޖުމްލަ ވޯޓާރސް ލިސްޓަށް ހުށަހަޅާފައިވަނީ ކިތައް މައްސަލަ ކަމެއް އިލެކްޝަން ކޮމިޝަނުން ފޯނު ނުނަގާތީ ވަނީ ސާފުވާ ގޮތް ނުވެފައެވެ.