ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީން އިސްނަގައިގެން، ޔޯގާ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އާންމުންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
އެ ހަރަކާތް ފެށުމުގެ ކުރިން އިންޑިއާގެ ޕްރައިމް މިނިސްޓަރު ޔޯގާއާ ބެހޭ ގޮތުން ދެއްވާފައިވާ މެސެޖްއެއް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.
އެ މެސެޖްގައި ޕްރައިމް މިނިސްޓަރު ވިދާޅުވީ ޔޯގާއަކީ ހަމައެކަނި ކުރާ ކަސްރަތެއް ނޫން ކަމަށާއި، ޔޯގާއަކީ އުފާވެރިކަން ގެނެސްދޭ ހަރަކާތެއް ކަމަށެވެ. ޔޯގާގެ ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވެ އެ އުފާވެރިކަން ހާސިލްކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނަ ވިދާޅުވިއެވެ.
ޔޯގާގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެން އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ޔޯގާއަކީ ހަމައެކަނި ހެނދުނު ކުރާ ކަސްރަތެއް ނޫން ކަމަށާއި، އެއީ އެކިގަޑިތަކުގައި އަމިއްލަ ހިތްހަމަޖެހުމަށް ކުރެވޭނެ މުހިންމު ހަރަކާތެއް ކަމަށްށެވެ. ޔޯގާއިން ހާސްކަމާއި، ބޭކާރު ވިސްނުންތަކުން ދުރުކޮށްދޭއިރު، ހަކުރު ބަލިފަދަ ބަލިތަކަށް ހުރި ޝިފާ އެއް ކަމަށް އަކިލޭޝް މިސްރާ ވިދާޅުވިއެވެ.
އިންޑިއަން އެމްބަސީން ބުނީ އެފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، ޔޯގާއަށް އާއްމުން ހޭލުންތެރިކުރުން ކަމަށެވެ.
ކުރިއަށް އޮތް ހަފްތާއަކީ ޔޯގާ ހަފްތާގެ ގޮތުގައި ފާހަގަކުރާ އިރު، ޔޯގާ ދުވަހާ ގުޅުވައިގެން އިތުރު ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެކި ސްކޫލުތަކާއި، އެކި ޖަމިއްޔާތަކުގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެމްބަސީން މައުލޫމާތު ދެއެވެ. އިންޑިއަން އެމްބަސީ އިން ކުރިއަށްގެންދާ އެ ހަރަކާތުގެ އިތުރަށް ކޮންމެ ދުވަހު އެ އެމްބަސީގެ ކަލްޗަރަން ސެންޓަރުގައި ޔޯގާ ކްލާސްތައް ކުރިއަށްގެންދެއެވެ.