ދުބާއީގައި ބާއްވާ އަންހެނުންނަށް ހާއްސަ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދުބާއީގައި ބާއްވާ ޝައިހާ ފާތިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަގްވާމީ މުބާރާތް ކުރިއަށްދަނީ ނޮވެމްބަރު މަހުގެ 4 ން 16 އަށެވެ.
ކީރިތި ގުރުއާނާއިބެހޭ މަރުކަޒުން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ އަންހެނުންނަށް ކަމަށެވެ. އެފަރާތްތަކަށް މުބާރާތުގައި ބައިވެރިވެވޭ އިރު މި މުބާރާތުގައި ބައިވެރިވާ މީހާއާއި އެކު މަހްރަމަކަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ގުރުއާނާއި ބެހޭ މަރުކަޒުން ބުނެ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތަކީ މުޅި ގުރުއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް އަންހެނަކު ކަމުގައިވުމާއި މިއަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 25 އަހަރު ފުރިފައިވެގެން ނުވުން ކަމަށް ގުރުއާނާއި ބެހޭ މަރުކަޒުން ބުނެ އެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ މީހަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުތުހަމަވާ ފަރާތްތަކުން 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 01:30 ގެ ކުރިން މިކަމަށް އެދި ގުރުއާނާބެހޭ މަރުކަޒަށް ސިޓީ ހުށަހަޅަންޖެހޭ ކަމަށް އެއިދާރާއިން ބުނެ އެވެ.