މިއަހަރުގެ ރިޔާސީ އިންތިހާބުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހެން ނަމަވެސް ކުރެވުނު ގޮތަކަށް ކެމްޕެއިންގެ ހަރަކާތްތައް ކުރަމުން ގެންދާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކަށް ހަމަހަމަ ކަމާއެކު ފުރުސަތު ނުދިންނަމަވެސް ކެމްޕެއިން ހަރަކާތްތައް ކުރެވުނު ގޮތަކަށް ކުރައްވާނެ ކަމަށެވެ.
" އަޅުގަނޑުމެންނަށް މިހާރު ފެނިގެންދަނީ ޕީޕީއެމް އިން އެ ވިދާޅުވާ ސައިލެންޓް ކެމްޕެއިނެއް ހިންގަމުންދަނީ ކެމްޕެއިން ކޮށްދޭނެ މީހެއް ނެތިގެން. ދިދައެއް ދަމާލަ ދޭންޖެހުނަސް ޓިސް ޓިސް (ފައިސާ) ދޭންޖެހޭ. ލާރި ދިނީމަ ވަނީ. އެހެން ނޫނީ އެއްވެސް ކަމެއް ނުވާނެ. އެހެން ނަމަވެސް އެމްޑީޕީގެ ހަރަކާތްތައް ކުރިއަށްދަނީ އެހެން ގޮތަކަށް. އަޅުގަނޑުމެންގެ ފަންޑެއް ނެތަސް ހެޔޮ ހިތުން މިކަންކަން ކޮށްދޭނެ މީހުން ތިބޭނެ" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ، އެމްޑީޕީން ޖަލްސާއެއް ބޭއްވި ނަމަވެސް ފައިސާ ދީގެން ދިދަ ފަތި ދަމާކަށް ނުޖެހޭ ކަމަށާއި އެމްޑީޕީގެ ސަޕޯޓަރުންނަކީ ފޯރީގައި ނިކުމެ، އަމިއްލަ ޖީބުން ހަރަދުކޮށްގެން ޕާޓީގެ ކަންކަން ކުރަމުންގެންދާ ބައެއް ކަމަށެވެ.
އޭގެ ބަދަލުގައި ޕީޕީއެމް އިން ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްދާތަން ހަމައެކަނި ފެނިގެންދަނީ މުލިއާގެ ތެރެއިން އެކަނި ކަމަށާއި އެހެން ނަމަވެސް އިތުރު އެއްވެސް ގޮތަކަށް ކެމްޕެއިން ކުރިއަށް ނުދާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، މިހާރު ފެނިގެންދަނީ މެޑަމް 2018 ގެ ކެމްޕެއިން މަސައްކަތް ކަމަށާއި މެޑަމް އެކުރައްވާ މަސައްކަތަށް ތައުރީފު ކުރާ ކަމަށެވެ.
"ފިރިމީހާ ގޭގައި ބައިންދާއިގެން އަމަލީ ގޮތުން ނުކުމެވަޑައިގެން އެކުރައްވާ މަސައްކަތްތައް ފާހަގަކުރަން. ކަންތައްތައް ކުރައްވާ ގޮތެއް ރަނގަޅެއް ނޫން. އެހެން ނަމަވެސް ވަރަށް މުރާލި ކަމާ އެކު އެބައުޅުއްވާ." ރޮޒައިނާ ވިދާޅުވި އެވެ.