އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް) އިން ތައުލީމު ލިބިގެނެ 26000 އަށް ވުރެގިނަ ދަރިވަރުން މިމުޖުތަމައުއަށް ނުކުމެފައިވާ ކަމަށް އީޕީއެސް ފައުންޑޭޝަނުން ބުނެފި އެވެ.
އީޕީއެސް ވުޖޫދުވިތާ މިއަދަށް 50 އަހަރުވުމާއި ގުޅިގެން އީޕީއެސް ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 83 ދަރިވަރުންނާއެކު އީޕީއެސް އިން ހުޅުވާލި ތައުލީމުގެ ހިޔާވަހި ކަމުގެ ދޮރުން ހިޔާ ލިބިގެން ގައުމަށް ޚިދުމަތް ކުރުމަށް 26000 އަށް ވުރެ ގިނަ ދަރިވަރުން މުޖުތަމައުއަށް ނުކުމެފައިވާ ކަމަށެވެ. ޒަމާނީ ތައުލީމު ލިބުމުގެ މަގު ބަންދުވެފައިވާ އެތައް ކުދިންތަކަކާއި، އެކުދިންގެ ބެލެނިވެރީން އެދަރިވަރުންނާ މެދު ދެކެމުން ދިޔަ ފޮނި އުންމީދުތައް ހަގީގަތަކަށް ވެގެންދިޔައީ އީޕީއެސްގެ ނަމުގައި ހުޅުވިގެން ދިޔަ ސްކޫލުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އީޕީއެސް ފައުންޑޭޝަނުން ބުނީ ވޭތުވެ ދިޔަ ބައި ގަރުނުގެ ތެރޭގައި އެސްކޫލުން ތަފާތު އެކި ފަންނުތަކުގެ ހާހުންގުނާލެވޭ ފަދަ އަގުހުރި ދަރީން ތަކެއް ގައުމަށް ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ޒިންމާދާރު މަންމައިންނާއި ބައްޕައިންނާއި ފަޚްރުވެރި މާމައިންނާއި ކާފައިންކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.
އީޕީއެސް ފައުންޑޭޝަނުން ވަނީ އީޕީއެސް ސްކޫލުގެ މުއައްސިސުންނާއި، ދަރިވަރުންނާއި، މުދައްރިސުންނާއި، އަދިވެސް އެކި ރޮނގު ރޮނގުން އީޕީއެސް އަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ ހަނދާން އާ ކޮށްފަ އެވެ. މިދުވަހާއި ގުޅިގެން އީޕީއެސް ސްކޫލަށްއެކި ރޮނގު ރޮނގުން ޚިދުމަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް 50 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާވެސް އީޕީއެސް ފައުންޑޭޝަނުން ވަނީ ފޮނުވާފަ އެވެ.
އީޕީއެސް ސްކޫލް އުފެދުނީ މީގެ 50 އަހަރު ކުރިން 21 ޖޫން 1968 ގައެވެ. އީޕީއެސް ފައުންޑޭޝަންގެ އަމާޒަކީ އަދި އުންމީދަކީ އީޕީއެސްގެ ނަން އަބަދުމެ ދެމިހުރުމެވެ.