ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތާރު އަޅައިގެން ތަރައްގީ ކުރި މަގެއް މިއަދު ހުޅުވާލައިފި އެވެ.
ވީއައިއޭއިން ބުނީ، މިމަގަކީ މިހާރު ބޭނުން ކުރަމުންދާ ރަންވޭގެ ދެކުނުގައި ހަދާފައިވާ މަގެއް ކަމަށާއި، މިމަގުގެ ދިގުމިނުގައި 1200 މީޓަރު ހުންނާނެ ކަމަށެވެ.
މިމަގަކީ ވީއައިއޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ގުޅާލައިދޭ މަގުކަން ފާހަގަކުރައްވައި ވީއައިއޭއިން ބުނީ އެ މަގު ބޭނުން ކުރާނީ އެއާޕޯޓްގެ ޓްރާންސްފާ ތަކަށް އެކަނި ކަމަށެވެ. އެގޮތުން އެ މަގު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާރ ޓެކްސީ ޓާމިނަލްގެ ދަތުރުތަކާއި، އެދެމެދުގައި ކުުރާ އެހެނިހެން ދަތުރުތަކަށް ކަމަށް އެއާޕޯޓް ބުނެ އެވެ. ނަމަވެސް ހުޅުލެއާ ހުޅުމާލެ ގުޅުވާ ލިންކް ރޯޑްގެ މަސައްކަތް ނިމުމުން އެމަގު އާންމުންގެ ދަތުރު ތަކަށްވެސް ހުޅުވާލާނެ ކަމަށް ވީއައިއޭއިން މައުލޫމާތުދެ އެވެ.
އާ މަގެއް ހުޅުވާލާފައިވާއިރު، ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ތާރު އެޅުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރަންމުންނެވެ. ހުރިހާ ވައްތަރެއްގެ ވެހިކަލް ދުއްވޭ ގޮތަށް ތަރައްގީ ކުރާ މިލިންކް ރޯޑްގެ ޑިޒައިންކޮށް ތަރައްގީ ކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.