ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ބޭއިންސާފުން ޝަރީޢަތްކޮށް ޙުކުމް ކުރުމަށް ތައްޔާރުވަނީ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ 11 މަސް ދުވަސްވުމާއި ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެކަމުގެ ޔަޤީންކަން ފުރަތަމަ ދުވަހުން ފެށިގެންވެސް ފާރިސް މައުމޫން ދެއްވަމުންގެންދަވާކަމަށެވެ. އަދި ޖިނާއީ ކުށުގެ ޢަމަލުތަކެއްކަމަށް ބުނެ ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ސިޔާސީ ނުފޫޒަށް ތަބާވެ ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކެއްކަމަށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.
"މިގޮތުން 18 ޖުލައި 2017 ގައި ރިޝްވަތުގެ ކުށުގެ ތުހުމަތުގައި ކަމަށްބުނެ އަޙްމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ އުފައްދާފައިވާ މައްސަލައެއްގައިކަން 12 މާރިޗް 2018 ގައި ކްރިމިނަލް ކޯޓުގައި ހެކިބަސްދިން ސިއްރު ހެކީގެ ހެކިބަހުންވެސް އޮޅުމެއްނެތި ހާމަވެފައިވޭ" މި ބަޔާނުގައި ބުނެފައިވެ އެވެ.
ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަހުޝު އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމައި، ހުކުމް ކުރުމަށް ތައްޔަރުވެފައިވާކަން ފާހަގަކޮށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ އަޙްމަދު ފާރިސް މައުމޫންއަށް ލިބިދީފައިވާ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ގެއްލުވާލައިފައިވާ ކަމަށެވެ. އަދި ސިލްސިލާ ގޮތެއްގައި ރައީސް މައުމޫނާއި ފަނޑިޔާރުންނެކޭ އެއްގޮތައް ފާރިސް މައުމޫނާށް ބޭއިންސާފުން ޝަރީޢަތްކޮށް ޙުކުމް ކުރުމާ ދިމާލަށް ގެންދަނީ ކަނޑައެޅިގެން ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމަށްކަމަށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެއިތުރުން ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި، ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ޚިލާފަށް ޙައްޤުތަކުން މަޙުރޫމްކޮށް ރައީސް މައުމޫން އަށް ޙުކުމެއް އިއްވުނު ފަދައިން އަޙްމަދު ފާރިސް މައުމޫން ގެ މައްޗަށްވެސް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތްތައްވެސް އިޖުރާޢަތުތަކާ ޚިލާފަށް ޙައްޤުތައް ގެއްލިގެންދާގޮތަށް ކުރިއަށް ގެންދެވުމަކީ އިންސާފަށްވެސް ހުތުރުކަމެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއްގެ ސަބަބުން އިސްލާޙަށް މަސައްކަތްކުރެއްވުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން އަޙްމަދު ފާރިސް މައުމޫން ގެންދަވަނީ ސާބިތުކޮށްދެއްވަމުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"އަޙްމަދު ފާރިސް މައުމޫން އާމެދު ދޮގު ތުޙުމަތުތައް އުފައްދައި މިނިވަންކަން ނަގާލައި ޙައްޤުތަކުން މަޙުރޫމްކުރުމުގެ މި ސިލްސިލާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ޤާނޫނުއަސާސީއާ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކާ ދެކޮޅަށް ކެރިވަޑައިގެން އަޑުއުފުއްލަވައި ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ސާބިތުކަމާއެކު ޤާނޫނީ ވާޖިބު އަދާކުރައްވުމަށް އިސްސަފުގައި މަސައްކަތް ފެއްޓެވި ހިސާބުންކަން އެއްވެސް އޮޅުމެއްނެތި އެންމެހާ ރައްޔިތުންނަށްވެސް ހާމަވާނެއެވެ." ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.