ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރު ނާއިބު ލީޑަރުން އިންތިހާބު ކުރަންޖެހޭ އެމަގާމަށް ފަސް ބޭފުޅަކު ކުރިމަތިލާފައި ވާތީ ވާދަވެރިވެރިކަން އިތުރުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް އަދި މައި ޖަގަހަ، މ. ކުނޫޒުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުންނާއި ރައީސާއި ނާއިބު ރައީސް އަދި ގޮފިތަކުގެ ރައީސުންނާއި ހިންގާ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރުން އޮންނާނެ ކަމަށާއި އެގޮތުން ސިއްރު ވޯޓަކުން 30 މަގާމަކަށް މީހުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީގެ 30 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލާފައިވާއިރު ލީޑަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް ވެސް ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ޖޭޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު އަދި ނާއިބު ރައީސްކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމެވެ.
ޖޭޕީގެ ނާއިބު ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އަބްދުﷲ އަމީނާއި އަބްދުﷲ ކަމާލުއްދީނާއި މުހައްމަދު ފަޔާޒް އަދި ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން އަމީން އިބްރާހީމެވެ. އެހެން ނަމަވެސް ޖޭޕީގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން އެމަގާމަށް އިންތިހާބު ކުރާނީ އޭގެ ތެރެއިން ހަތަރު ބޭފުޅެކެވެ. އެހެންކަމުން ފަސް ބޭފުޅުން ކުރިމަތި ލައްވާފައިވާ ނައިބު ލީޑަރުންގެ މަގާމުގެ ވާދަވެރިކަން މިވަނީ އިތުރު ވެފައެވެ.
ސަމީރު ވިދާޅުވީ ބުރާސަފަތި ދުވަހާއި ހުކުރު ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ތިން ވަނަ ގައުމީ ކޮންފަރެންސްގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށެވެ.
ސަމީރު ވިދާޅުވީ ކޮންފަރެންސްގެ ބައިވެރިން ޕެރަޑައިސް ރިސޯޓަށް ދިއުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ކޮންގްރެސްގެ މަސައްކަތް ފެށި، ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ނަމަވެސް ސަމީރު ވިދާޅުވީ ކޮންރެސްގެ މައިގަނޑު މަސައްކަތްތައް ދާނީ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ކަމަށެވެ. އެގޮތުން ޖޭޕީގެ 29 މަގާމަށް 45 ބޭފުޅަކު ކުރިމަތިލާފައިވާއިރު، އިންތިހާބު އޮންނާނީ ވެސް ހުކުރު ދުވަހު ކަމަށް ސަމީރު ވިދާޅުވިއެވެ.
ގާނޫނީ ހުރަހެއް އޮތުމުން ޖޭޕީގެ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް ކުރިމަތި ލައްވާފައި ނުވާއިރު އެއްވެސް ބޭފުޅެއް އެމަގާމަށް ކުރިމަތި ލައްވާފައެއް ނުވެއެވެ.
ސަމީރު ވިދާޅުވީ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެކަމުން ދޭހަވަނީ އެޕާޓީގެ ހުރިހާ މެމްބަރުންވެސް ގާސިމާ ދޭތެރޭ އޮތް ލޯތްބާއި އިހުތިރާމް ކަމަށެވެ. އަދި ޕާޓީއަށް ގާސިމް ކޮށްދެއްވާފައިވާ ކަންކަމުގެ ސަބަބުން އެހެން ފަރާތަކަށް އެ އިއްޒަތް ދޭން ޕާޓީގެ މެމްބަރުން ބޭނުން ނުވާކަން ދޭހަވާ ކަމެއް ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.