ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ބުދަ ދުވަހުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް އަށް ކުރާ މި ދައުވާގެ އަޑުއެހުން ހޯމަ ދުވަހާއި އަންގާރަ ދުވަހު ބާއްވާފައި ވެއެވެ. ހުލާސާ ބަޔާން އިއްވުމަށް ބުދަ ދުވަހު ބޭއްވުމަށް ނިންމި އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި ހުލާސާ ބަޔާން އިއްވައި އެ އަޑުއެހުން މިހާރު ވަނީ ބުރާސްފަތި ދުވަހަށް ރިޝެޑިއުލް ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި ފާރިސްއާ ދެކޮޅަށް ހިނގާ މައްސަލަތަކުގެ ތެރެއިން ބުދަ ދުވަހު ދެ ޝަރީއަތެއް ބޭއްވުމަށް ތާވަލްކޮށްފައި ވެއެވެ. ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ހެނދުނު 11.00 އަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައިވާއިރު، ބުދަ ދުވަހު މެންދުރު ފަހު 13.00 ގައި ބާއްވަން ތާވަލު ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއެވެ.ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ފާރިސް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.
ޓެރަރިޒަމް ދައުވާއާ ގުޅިގެން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ. މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާ ބައްލަވަނީ ގާޒީ އިބްރާހީމް އަލީއެވެ.
ފާރިސް މައުމޫން ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ދައުވާކުރި ނަމަވެސް ޕީޕީއެމް ނަމުގައި ފާރިސް ވާހަކަ ދައްކާފައި ނުވާ ކަމަށް ބުނެ ފާރިސްގެ ދިފާއުގައި ފަސް މީހަކު ވަނީ އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދީފައެވެ.
ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ނުދައްކަވާ ކަމަށް ފަސް މީހަކު ހެކިބަސް ދީފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމެއްގައި، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ދެ ހެކިން ބުނެފައި ވަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމް ނަމުގައެވެ. އަދި ގިނަ ކަންތައްތަކެއް ހަނދާން ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.
ފާރިސްގެ ދިފާއުގައި ހެކިބަސް ދީފައި ވަނީ ޕީޕީއެމް ރައީސް މައުމޫން ފެކްޝަން އަދި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އާމިނަތު ނާދިރާ އާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާއި ޕީޕީއެމް އުފެއްދުމުގައި ރައީސް މައުމޫނާއި ފާރިސްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި އިބްރާހިމް އަފްރާދު އާއި ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓު އަހުމަދު މުހައްމަދާއި ނޫސްވެރިޔާ އަޒްމޫން އަހުމަދުއެވެ.
މި އެންމެން ވެސް ހެކިބަސް ދެމުން ބުނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައީސް މައުމޫން ފެކްޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފަރާތުން ކަމަށާއި ޕީޕީއެމްގެ ނަމުގައި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ގެންގުޅުއްވާފައި ނުވާ ކަމަށެވެ.