އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ.
އެކޮމިޝަނުން ބުނީ އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ގުޅިގެން ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިދިރާސާގެ މައިގަނޑު މަޤްސަދަކީ އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުވެފައި އޮތް މިންވަރު ދެނެގަނެ އެފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރެވޭނެ މޮނިޓަރިންގ ނިޒާމެއް ޤާއިމް ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އެކޮމިޝަނުން ބުނީ މި ދިރާސާގެ އަމަލީ މަސައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ދިރާސާގައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ ކަމަށް ބެލެވޭ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރެވޭނެ ކަމަށެވެ.
މި ދިރާސާގައި 1500 އަށް ވުރެ ގިނަ މީހުންގެ މައުލޫމާ ހޯދުމަށް ނިންމާފައިވާއެވެ.