މައިކްރޯ ބްލޮގިންގ ސައިޓް ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެފައިވާ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުޢޫދު ފާހަގަކުރައްވައިފިއެވެ.
ސުޢޫދު މިކަން ފާހަގަކުރައްވާފައިވަނީ އެޕްލެޓްފޯމްގައި އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ފުލުހުން ޚިލާފުވެފައިވާކަމަށް ސުޢޫދު ފާހަގަކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ފުލުހުން ޓްވިޓަރގައި އާއްމުކޮށްފައިވާ ޗިޓުތަކާއި ގުޅިގެންނެވެ. މިޗިޓްތަކުގައި އެ ދެބޭފުޅުންގެ ޒާތީ ބައެއް މައުލޫމާތު ހިމެނެއެވެ. އެގޮތުން ދެބޭފުޅުންގެ އައިޑީ ކާޑް ނަމްބަރު މިޗިޓްގައި ވަނީ އާއްމުކޮށްފައެވެ.
އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ޓްވިޓަރ ކުންފުނީގެ ޕްލެޓްފޯމް ބޭނުންކުރުމުގެ ކުރިން އެޕްލެޓްފޯމް ބޭނުންކުރާ އެންމެން އެއްބަސްވާ 'ޓްވިޓަރ ރޫލްސް' ބުނާ ގޮތުން އެއްވެސް މީހެއްގެ އާއްމު ނޫން ޒާތީ މައުލޫމާތު އެމީހެއްގެ ހުއްދަ ނެތި އެޕްލެޓްފޯމްގައި އާއްމުކުރުމަކީ އެޕްލެޓްފޯމް ބޭނުންކުރުމުގެ އުޞޫލުތަކާއި ޚިލާފުކަމެކެވެ. ޒާތީ މައުލޫމާތުގެ ތެރޭގައި އެމީހެއްގެ އައިޑީ ކާޑް ނަމްބަރުފަދަ ކާކުކަން އަންގައިދޭ ނަމްބަރުތައް ހިމެނެއެވެ.
ސުޢޫދުވަނީ ޓްވިޓަރ ބޭނުންކުރުމުގެ ޤަވާޢިދުތައް ކިޔާލުމަށް ފުލުހުންނަށް ގޮވާލާފައެވެ.
This violates twitter rules - disclosing a persons personal information such as identity number etc - read them before some one reports this tweet. https://t.co/WiL4Nmfasa
— Husnu Al Suood (@hsuood) June 19, 2018
ޓްވިޓަރ މެދުވެރިކޮށް ފުލުހަށް ހާޒިރުވުމުގެ ޗިޓް އާއްމުކޮށްފައިވާއިރު، ފުލުހުން ޓެގްކުރި ޤާސިމް އިބްރާހިމްގެ ޓްވިޓަރ އައިޑީއަކީ ޓްވިޓަރއިން ވެރިފައިކޮށް، އެއީ ސީދާ ޤާސިމް ބޭނުންކުރައްވާ އެކައުންޓެއްކަމަށް ޔަޤީންކޮށްދީފައިވާ އެކައުންޓެއްވެސް ނޫނެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންނަށް ފުލުހަށް ހާޒިރުމަށް ނެރޭ ޗިޓްތައް ރައްދުކުރުމަށް ފުލުހުން ގެންގުޅޭ ސިޔާސަތަށް ޤާނޫނީ ވަކީލުން ގެންދަނީ ފާޑުކިޔަމުންނެވެ. އަދި އިންޓަރޕޯލް ރެޑް ނޯޓިސްއެއް ނެރުމުގެ ބަދަލުގައި ޓްވީޓެއްކޮށްގެން އެ ދެބޭފުޅުން ހާޒިރުކުރަން ފުލުހުން އުޅޭތީވެސް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.