އިދިކޮޅު ލީޑަރުންނާއިއެކު އިޚްލާސްތެރިކަމާއިއެކު މަޝްވަރާކުރުމަށް ދިވެހި ސަރުކާރަށް ވިލާތުގެ އިއްތިޙާދުން ގޮވާލައިފިއެވެ.
ވިލާތުގެ އިއްތިޙާދުން މިކަމަށް ގޮވާލާފައިވަނީ މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 38ވަނަ އާއްމު ބައްދަލުވުމުގައި ވިލާތުގެ އިއްތިޙާދުގެ ފަރާތުން ހުށަހެޅި ބަޔާނުގައެވެ. ވިލާތުގެ އިއްތިޙާދުން ބުނީ ރާއްޖޭގައި ޑިމޮކްރަސީއަށާއި އަސާސީ ހައްޤުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބިރުވެރިކަމާއިމެދު އެޖަމާޢަތުން އިންތިހާއަށް ކަންބޮޑުވާކަމަށެވެ.
މީގެ އިތުރުން ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ވިލާތުގެ އިއްތިޙާދުން ގޮވާލާ ގޮވާލުން އެޖަމާޢަތުން ވަނީ ތަކުރާރުކޮށްފައެވެ. ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ސިޔާސީ އިދިކޮޅު ލީޑަރުންނާއި މަޝްވަރާކޮށްގެން މިނިވަން، އިންސާފުވެރި އިންތިޚާބެއް މިއަހަރު ބޭއްވުމަށެވެ.
The EU remains deeply concerned by the threats to democracy & fundamental freedoms in the #Maldives, calls for immediate release of all political prisoners & urges Gvt of Maldives to engage with the leaders of the opposition in a genuine dialogue. https://t.co/GVo8KBwxs2 #HRC38 pic.twitter.com/p1XsXWy4VK
— EU at UN in Geneva (@EU_UNGeneva) June 19, 2018
ވިލާތުގެ އިއްތިޙާދުން މީގެކުރިންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އިންސާނީ ހައްޤުތަކުގެ ޙާލަތު ރާއްޖޭގައި ދަށަށް ދާ މައްސަލައިގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެޖަމާޢަތުންނާއި، އެޖަމާޢަތުގެ މެމްބަރު ގިނަ ޤައުމުތަކުން ވަކިވަކިން ވަނީ ދީފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ޚާއްސަކޮށް ފެބްރުއަރީ 1ގެ ސުޕްރީމް ކޯޓު އަމުރަށްފަހު ރާއްޖޭގެ މަސްރަހު ވަރަށް ގާތުން އެޖަމާޢަތުން ގެންދަނީ ބަލަމުންނެވެ. އެހެންނަމަވެސް އީޔޫގެ އިސް ބައެއް ބޭފުޅުން ރާއްޖެއަށް ވަޑައިގެން ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރުމަށް އެދިވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އީޔޫގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.
ވިލާތުގެ އިއްތިޙާދަކީ ޚާއްސަ އިމްތިޔާޒްތަކެއް ލިބިގެންވާ އދގެ އޮބްޒާވަރ ސްޓޭޓަސް ލިބިފައިވާ ޖަމާޢަތެކެވެ. މިމަހުގެ 18ވަނަ ދުވަހު ފެށުނު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 38ވަނަ އާއްމު ބައްދަލުވުން އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށްދާނެއެވެ.