މަރުގެ އަދަބު ދިނުން އަވަސްކުރަން އުމަރު ނަސީރުގެ ހޯމް މިނިސްޓަރުކަމުގައި މަސައްކަތްކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މަރުގެ އަދަބެއް އިއްވާނެ ކަމަށް އުއްމީދުކޮށްގެންކަމަށް އަދީބުގެ އަނިބކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
އަދީބަކީ އަބަދު ޖަލުގައި އޮންނަން ޖެހޭ ބޭފުޅެއްކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި އަދީބުއާއިއެކު ވަޒީރުކަންކުރެއްވި އުމަރު ނަސީރު ވިދާޅުވުމުން، ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ނަޝްވާ ވިދާޅުވީ އަދީބު އެންމެ ފުރަތަމަ ދޫނިދޫގައި ބަންދުކުރި އިރުވެސް އަދީބަށް ޖެއްސުން ކުރެއްވުމުގެ ގޮތުން އުމަރު ކަންތައްތަކެއް ކުރެއްވިކަމަށެވެ. އެގޮތުން އާއިލީ ބައްދަލުވުންތައް ދިނުމުގައި ދަތިކުރުމާއި، މާފުއްޓަށް ބަދަލުކުރިއިރު އަދީބު އެންމެ ފުރަތަމަ ހުންނެވި ގޮޅީގައި ކުރިން ހަރުކޮށްފައި ހުރި އޭސީ ނެގުންފަދަ ކަންކަން އުމަރުގެ ހޯމް މިނިސްޓަރކަމުގައި ކުރެއްވިކަމަށް ނަޝްވާ ވިދާޅުވިއެވެ. އަދި "އަދީބަށް އޮންނާނީ ވަރުގަދަ ބޮނޑިއެއް ދީފައޭ" މީހުން ކައިރީގައި އުމަރު ވިދާޅުވިކަމަށް ވެސް ނަޝްވާ ވިދާޅުވިއެވެ.
އަދީބު އަބަދު އޮންނަވަން ޖެހޭނީ ޖަލުގައިކަމަށް އުމަރު ވިދާޅުވުމުން ނަޝްވާ ވަނީ ޓްވިޓަރގައި އުމަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ޒާތީ ވިޔަސް ބޮޑުވަރު"ކަމަށް ވިދާޅުވެ ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޮރަޕްޝަންގެ ބައްޕަކީ އަދީބު އެކަނިކަމަށް ހަދަން އުޅެނީ ފަސްއަޅަން"ކަމަށެވެ.
އުމަރު ނަސީރު ސިފައިންގޭގައި އުޅުއްވިއިރު މީހެއްގެ ބެކްބޯން ބިންދާލި ކަމަށް ކުރެވޭ ތުހުމަތު ނަޝްވާ ވަނީ ތަކުރާރުކުރައްވާފައެވެ. މިނިވަން 50 ފާހަގަކުރުމަށް އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން ކޮރަޕްޝަންގެ އަމަލުތަކެއް އެމިނިސްޓްރީ ތެރެއިން ހިންގިކަން ނަޝްވާ ފާހަގަކުރެއްވިއެވެ. އަދި "ހޯމް މިނިސްޓަރަކަށް ހުރެގެން ބޮން ހެދި މީހާ ދޫކޮށްފައި" އަދީބު ޖަލުގައި ބާއްވަން އުމަރު އުޅުއްވާކަމަށް ނަޝްވާ ވިދާޅުވިއެވެ.
MNDFga ulhuneethee bindhaalee meehege maibadha. Minivan 50 ga ehkoh corruption, HMga huregen bon hedhi meeha dhookoffa mi kiyany Adeeb umurah onnan v jail ga ey. Eyna ah SC hukum goas. Corruption ge bappa akee Adeeb ekani kamah hadha ulheny fassalhan! Zaathee viyas mee boduvaru! https://t.co/6hwgHxYEsI
— Nash (@maryam_nashwa) June 19, 2018
އުމަރު ނަސީރަކީ އަދީބު ނައިބު ރައީސްކަމުގައި ހުންނެވި އިރުވެސް އަދި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް އެމަނިކުފާނާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތު ބޭފުޅެކެވެ. އަދި 2015ވަނަ އަހަރު ސެޕްޓެމްބަރު މަހު ރައީސް ޔާމީންއާއި އެމަނިކުފާނުގެ އަނބިކަނބަލުން ދަތުރުކުރެއްވި 'ފިނިފެންމާ' ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާގެ ފަހަތުގައިވަނީ އަދީބުކަމަށް އެންމެ ފުރަތަމަ ތުހުމަތުކުރެއްވި އެއް ބޭފުޅަކީވެސް އުމަރެވެ.