ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން ބުދަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ފާރިސްއާ ދެކޮޅަށް ހިނގާ މައްސަލަތަކުގެ ތެރެއިން ބުދަ ދުވަހު އެންމެ ފުރަތަމަ ބާއްވަން ހަމަޖައްސާފައިވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެވެ. މި އަޑު އެހުން ބާއްވަން ހަމަ ޖައްސާފައިވަނީ ހެނދުނު 11.00ގައި އެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެހެން ކަމުން މި މައްސަލައިގައި އަޑުއެހުންތައް ނިންމުމަށްފަހު ވަރަށް އަވަހަށް ހުކުމް ކުރާނެ ކަމަށް ބެލެވެ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ކޮށްފައިވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެ ޕާޓީގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭނުންކުރި ކަމަށް ބުނެ އެވެ. މި ދައުވާ އޭނާގެ މައްޗަށް ކޮށްފައި އޮންނަ ތާ ގާތްގަނޑަކަށް އެއް އަހަރު ވެއްޖެ އެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އަލީ އެވެ.
ބުދަ ދުވަހު މެންދުރު ފަހު 13.00 ގައި ބާއްވަން ތާވަލު ކޮށްފައިވަނީ އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރާ މި ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފަ އެވެ. މި ދައުވާއާ ގުޅިގެން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ. މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިން ކަމަށްބުނެ ވެސް ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާއެއް އުފުލާފައިވާއިރު އެ މައްސަލައިގައި ރިޝްވަތު ލިބުނު ކަމަށްބުނާ މީހާ ވަނީ ފާރިސް ރިޝްވަތު ނުދޭ ކަމަށްބުނެ ކޯޓުގައި ހެކިބަސްދީފަ އެވެ. އަދި އެ ހެކިބަހަށްފަހު އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.