ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސާނެކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިކަން އިއުލާންކުރެއްވީ ފޭސްބުކް ލައިވް މެދުވެރިކޮށް ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީއިން ކާމިޔާބުކޮށްފިނަމަ އެކުލަވާލާނެ ކެބިނެޓް އިއުލާންކުރައްވަމުންނެވެ.
ޤާސިމްގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ފާރިސް މައުމޫނަށް ދެއްވާނެކަމަށް ޤާސިމް ވިދާޅުވިއިރު، ޤާސިމް މިއަދު އިއުލާންކުރެއްވި ކަންކަން އިއުލާންކުރެއްވީ ރައީސް މައުމޫންގެ ފެކްޝަނާއި މަޝްވަރާކުރެއްވުމެއް ނެތިކަމަށް ރައީސް މައުމޫނާއި ފާރިސް މައުމޫންގެ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި އަލީ ހުސެއިންއަށް މަޖިލީހުގެ ނައިބު ރައީސްކަން ދެއްވާނެކަމަށް ޤާސިމް ވިދާޅުވެފައި ވަނިކޮށް އޭނާ ކުރެއްވި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަކީ ޤައުމުގެ ޙާލަތަށް މިވަގުތު ރިޢާޔަތްކުރާއިރު އެންމެ މަތީ މަސްލަހަތު ނިޔާކުރާ ގޮތް"ކަމަށެވެ.
Mashvaraage usoolun kankan ninmumakee qaumuge haalathah mi vaguthu riaayai kuraairu enme mathee maslahathu niyaakuraa gotheve.
— Ali Hussain (@AleeVoice) June 19, 2018
މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ޤާސިމް ބޭނުންފުޅު ގޮތަކަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވާއިރު، މަޖިލީހުގައި ޕީޕީއެމް ފިޔަވައި އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގައެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގައި 37 މެމްބަރުން ތިއްބެވިކަމަށް މަޖިލީހުން ބުނާއިރު، ޕީޕީއެމްއާއި ގުޅިފައިވާ އެމްޑީއޭގައި 5 މެމްބަރުން އެބަތިއްބެވިއެވެ. އަދި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެމްޑީޕީގެ 21 މެމްބަރުން މަޖިލީހުގައި ތިއްބެވިއިރު، މިނިވަން ބޭފުޅުންގެ ގޮތުގައި 2 ބޭފުޅުން އަދި އަދާލަތު ޕާޓީގެ އެއް މެމްބަރު މަޖިލީހުގައި އިންނަވައެވެ. މީގެ އިތުރުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެ، ސިފައިން އެ 12 މެމްބަރުން މަޖިލީހަށް ވަނަނުދެއެވެ.
ޖުމްހޫރީ ޕާޓީގައި މިހާރު ތިއްބެވި 7 މެމްބަރުންގެ ތެރެއަށް ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންނާއި، އަދާލަތު ޕާޓީގެ މެމްބަރު އަނާރާއާއި މިނިވަން 2 މެމްބަރުންކަމަށްވާ މަހުލޫފު އަދި އަރީފް ގުޅިވަޑައިގަތުމުން ނޫން ގޮތަކަށް ޖުމްހޫރީ ޕާޓީއަށް މަޖިލީހުގައި އެމްޑީޕީއަށްވުރެ ގިނަ މެމްބަރުން ހަމައެއް ނުކުރެވޭނެއެވެ.